ޗާލްސް ތަޚުތަށް ވެޑުވި ރަސްމިއްޔާތުގެ ޕްރޮސެޝަންގައި އެމްއެންޑީއެފްގެ ކޮންޓިންޖެންޓެއް ބައިވެރިވެއްޖެ

ޗާލްސް ތަޚުތަށް ވެޑުވި ރަސްމިއްޔާތުގެ ޕްރޮސެޝަންގައި އެމްއެންޑީއެފްގެ ކޮންޓިންޖެންޓެއް ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތަށް ޗާލްސް ތިނެއް ވެޑުވުމުގެ ތާރިޚީ ރަސްމިއްޔާތުގެ ޕްރޮސެޝަންގައި އެމްއެންޑީއެފްގެ ކޮންޓިންޖެންޓެއް ބައިވެރިވެއްޖެއެވެ.

މިއީ ދިވެހި ކޮންޓިންޖެންޓެއް ކޮރޮނޭޝަން އިވެންޓެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި އިވެންޓާއި ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަވަމުން އެމްއެމްޑީއެފްގެ މޭޖަރ އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ޕްރޮސެޝަންގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް 10 ސިފައިން ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 7 އެންލިސްޓެޑް ސިފައިންނާއި 3 ކޮމިޝަން އޮފިސަރުން ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ އިތުތަށް ވިދާޅުވީ، ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން މި ރަސްމިއްޔާތުގައި ބައިވެރިވުމަކީ އެމްއެންޑީއެފްގެ އިތުރުން ދިވެހިރާއްޖެވެސް ވަރަށް ފަޚުރުވެރިވާ ކަމެއް ކަމުގައެވެ.

މިރަސްމިއްޔާތުގެ ޕްރޮސެޝަންގައި ބައިވެރިވި އެމްއެންޑީއެފްގެ ކޮންޓިންޖެންޓްގައި 3 އަންހެން ސިފައިންވެސް ބައިވެރިވެފައި ވެއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތަކީ، ފާއިތުވި 70 އަހަރުގައިވެސް އިނގިރޭސި ރަސްކަލަކު ތަޚުތުގައި ވެޑުވުމަށް ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ. އިނގިރޭސީ ޝާޙީއާއިލާއިން، ފާއިތުވި 1،000 އަަހަރުގައި ރަނިންނާއި ރަސްކަލުން ރަނިކަމާއި ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް ގެންގުޅެފައިވާ ސަގާފަތާ އެއްގޮތަށް ޗާލްސްIII ތަޚުތުގައި ވަޑުވާފައިވަނީ ކުރިސްޓިއަންދީނުގެ އަޅުކަންތަކާއެކު، ގައުމަށާއި ދީނަށް ތެދުވެރިވުމަށް ޗާލްސް ކުރި ހުވަޔަކަށް ފަހުއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ 100 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު 2 ގަޑިއިރަށް ކުރިޔަށް ގޮސްފައި ވެއެވެ.

ރަސްގެފާނު ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ކުރިޔަށްދިޔަ ހޯލުގައި، މިރަސްމިއްޔާތު ބެލުމަށް 2300 ގެސްޓުން ހާޒިރުވެ ތިއްބެވެ. އޭގެ ތެރޭގައި، ޝާހީ އާއިލާއާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ، ޗާލްސްIII ގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީވެސް ހިމެނެއެވެ.

ޕްރިންސް ޗާލްސް އިނގިރޭސި ރަސްކަމަށް ވަޑައިގެންނެވީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހު، ޗާލްސްގެ މަންމާފުޅު އަދި ކުއީން އެލިޒަބަތުII އަވަހާރަ ވުމާއި ގުޅިގެންނެވެ. ރާނީ އަވަހާރަވީ އެކަމަނާގެ ރަނިކަމަށް 70 އަހަރުވުމަށްފަހުއެވެ. މިއީ ލަންޑަނުގެ ވެސްޓްމިންސްޓަރ އަބޭގައި 1066އިން ފެށިގެން ބޭއްވޭ 40 ވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *