އިދިކޮޅު ޕީޕީއެމްއިން އިސްވެއޮވެ، މިމަހުގެ 18 ވަނަ ދުވަހު، ޗާގޮސްގެ މައްސަލާގައި ބޮޑު އެއްވުމެއް ބޭއްވުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކާއި އަދި ސަރުކާރާ ޚިޔާލު ތަފާތި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރަމުންދާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ޕީޕީއެމްގެ އިސް ބޭފުޅަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސަރުކާރާ ޚިޔާލުތަފާތު ސިޔާސީ ޕާޓީތަކާއި އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ ބައެއް ރިޔާސީ ކެނޑިޑޭޓުންނާވެސް ޗާގޮސްގެ މައްސަލާގައި ބޮޑު އެއްވުމެއް ބޭވުމަށް އިދިކޮޅު ޕީޕީއެމްިން މިހާރު ވަނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
އެހެންނަމަވެސް، މި ބޮޑު އެއްވުމަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއާއި އެމްއާރުއެމްގެ ތާއީދު އަދި ލިބިފައި ނުވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އަދި މި އެއްވުމުގައި ކާނަލް ނާޒިމް އިސްވެ ހިންގަވާ އެމްއެންޕީން ބައިވެރިވާނެކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް އެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.
ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތައް އެއް ޕްލެޓްފޯމެއްގައި ބޮޑު އެއްވުމެއް ބޭއްވުމަށް ޕީޕީއެމްއިން ކުރާ މަޝްވަރާތަކަށް އެމްއާރުއެމްގެ އެއްބާރުލުން ލިބިފައި ނުވާއިރު، އެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން އެއްފަހަރާ ޕާޓީން ވަކުވުމަށް ވިސްނަމުންދިއުމާއި ގުޅިގެން އެޕާޓީ މިވަގުތު އޮތީ ބޮޑު ގޮންޖެހުމެއްގެ ތެރޭގައިކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގެ ދެކުނުން އައްޑޫ އަތޮޅުގެ ބޭރުން އޮންނަ ޗާގޮސްގެ މިލްކުވެރިކަން ބައިނަލްއަގުވާމީގޮތުން މޮރިޝަސްއަށް އޮތް ކަމަށް ކަނޑައެޅިގެން ދިއުމަށްފަހު އިޓްލޮސްއިން އިއްވި ހުކުމާއެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ މި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލާފައިވާ ކަމުގައެވެ.
އަދި ފާއިތުވެދިޔަ ހަފްތާގައި ކުރީގެ ބައެއް ވަޒީރުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ވަނީ މިމައްސަލާގައި ގުޅިފައިވާ ޕްރެސް ކޮންފަރެންސެއް ބާއްވާފައެވެ.
މި ނޫސް ކޮންފަރެންސަށްފަހު އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންވަނީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރާކަތުގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާ ކޮށްފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ޕީޕީއެމްގެ ލީޑަރޝިޕުންވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ އުމަރު ނަސީރާއިވެސް ޗާގޮސްގެ މައްސަލާގައި މަޝްވަރާ ކޮށްފައެވެ.
އިދިކޮޅު ޕީޕީއެމްއިން އިންތިޒާމްކޮށްގެން، ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ ބައެއް ފަރާތްތައް އެއް ޕްލެޓް ފޯމެއްގައި ސަރުކާރާ ދެކޮޅު ބޮޑު އެއްވުމެއް ބޭއްވުމަށް މަޝްވަރާ ކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނޭ ގިނަ ސިޔާސީ ޕާޓީތަކަކީވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ ޕާޓީތައްކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ