ޒަމާންތަކަށްފަހު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން މާލެ ސިޓީ ކައުންސިލުން ނިންމީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ޤާއިމު ކުރުމަށެވެ. މިކަން ކުރުމަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތްތަކާއި ގުޅޭ ތަފްޞީލް މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
ނޫސްވެރިންނާއި ބައްދަލު ކުރައްވާ މޭޔަރ ވިދާޅުވީ އާސަހަރާ ބަލަހައްޓާ ފަރާތަކީ ކައުންސިލުންކަމަށް ވާއިރު، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ސަހަރާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައިވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައިކަމަށް މޭޔަރު ތަފްޞީލް ކޮށްދެއްވިއެވެ.
ސަހަރާ އަކީ ކޮންމެ އާއިލާއަކަށް އަދި މީހަކަށް ދިމާވާ ހިއްދަތި ވަގުތު ހޭދަކުރާތަން. އެތަން ބަލަހައްޓާ ފަރާތަކީ ކައުންސިލުންކަމަށް ވާއިރު، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާންޖެހޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެގޮތުން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް.
– މުއިއްޒު ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން ކައުންސިލް ހިނގަމުން އައިނަމަވެސް އާސަހަރާއޮތީ އަޅާނުލާ ދޫކޮށްލެވިފައި ކަމަށާއި، އެތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން އެތައް އާއިލާތަކަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެންޖެހިފައިވަނީ ދަތި ޙާލުގައިކަމަށެވެ.
އާއިލާއަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެން މިޖެހެނީ ހާލުގަ. މަޑުކޮށްލައިގެން މިތިބެންޖެހެނީ އެތާގެ ގާފޮޅު މަތީގަ ނުވަތަ ފާރުގަ ލެގިލައިގެން. ހިތްހަމަޖެހޭ ގޮތަކަށް އެތާގަ ނުތިބެވޭ. އެގޮތުން މަޑުކޮށްލައިގެން ތިބެވޭ ގޮތަށް، އޭސީ ކުރެވިފައިވާ ބޮޑު ވެއިޓިން ލައުންޖަކާ ޕްރައިވެޓް ރޫމްގޮތަށް ކުޑަ ދެތިން ވެއިޓިން ރޫމް ހަދަން ވަނީ ނިންމާފަ.
– މުއިއްޒު ވިދާޅުވިއެވެ.
އާސަހަރާގެ މަރާމާތާއި ގުޅިގެން މޭޔަރ އިތުރަށް ވިދާޅުވީ މިކަން ކުރަނީ މިހާރު ހުރި އިމާރާތުގެ މައްޗަށް ބައެއް އިތުރުކޮށްގެން ކަމަށާއި، މީހުން ވަޅުލާފަވާ ސަރަޙައްދު ކޮނުންފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެށޭ ހަފްތާގައި ޢިއުލާނު ކުރާނެ ކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވާފައެވެ.
އާސަހަރާ މަރާމާތު ކުރުމަށް ނިންމާފައިވާއިރު، މާލެ ސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ރިވެތި އިރުޝާދު ދޭ ބޯޑު ހަރުކުރުމުގެ މަސައްކަތުގެ ދަށުން އާސަހަރާގައި ވަނީ ބޯޑުވެސް ހަރުކޮށްފައެވެ. މީގެ އިތުރުން ކަށުނަމާދާއި ގުޅޭ މަޢުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުޢާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލާ ނަސޭހަތް ޖަމިއްޔާ ގުޅިގެން ފުރަތަމަ ފަހަރަށް އާސަހަރާގައި ވަނީ ސްކްރީން ވެސް ހަރުކޮށްފައެވެ.
One Response
މިދިޔަ އަހަރު ނޫހުގައި ކުރެހުން ޖަހާފައި ހުޅުމާލޭ ބޮޑު މިސްކިތުގެ ބޭރުގައި ފާހާނާ ބަރިއަކާއި ވުލޫކުރާ ބަޔެއް ހަދާ ވާހަކަ އޮތެވެ. އަދި ފަހުން އެމަސައްކަތް ތައް ނިންމި ވާހަކަ އޮތެވެ. މިހާރުވެސް ލޯ ހުރި މީހަކު ގޮސް ބަލާބަލާށެވެ. އެތަންތަން ނުހެދިތާގައި މިސްކިތް ތެރެއަށް ވެހޭ ވާރެއާއި މުންނާރުން ނެއްޓިފަހުރި ތަންތަނާއި ވަންނަ ފެންޑާގެ ތަށިމުށިތައް ނެއްޓިފައިހުރި އިރު މިއިންކަމެއްވެސް މަރާމާތު ނުކޮށް ހުރިހާ މަރާމާތެއް ކުރިވާހަކަވެސް ނޫހުން ފެނުނެވެ. މިހާރު މިއޮތީ ކަމެއް ނުކޮށް ނޫހުގައި ހިންގާކައުންސިލެކެވެ. ބުޅާ ފެސިލިޓީއަށް އެތަށް މިލިޔަނެއް، މަގުތަކުގައި ހުރި ލޯވަޅުތައް ބައްދަން މިތައް މިލިޔަނެއް އެބަ ހަރަދުކުރެއެވެ. ދެން ދުވަސްކޮޅަކުން ނޫހުން ފެންނާނީ ތިޔަ ތަން ހަދާ ނިމުނު ވާހަކައެވެ. މިކަހަލަ މޮޅު ވަާހަކައެއް ކޮންމެ ދުވަހަކު ނޫހުގައި ލިޔެފައި ދެން ދުވަސްކޮޅަކުން އަޑު އިވޭނީ ބަޖެޓް ހުސްވި ވާހަކައެވެ.