ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ފައިނަލް މެޗުގައި ކުލަބު އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލް މެޗު ބައްލަވައިލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްއެވެ. މިއީ 2016 ވަނަ އަހަރަށްފަހު ރައީސަކު ބައިވެރިވެވަޑައިގެން، ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލެއް ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާވަނީ، މިއަހަރުގެ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ޖާޒީ ލޯންޗުކޮށްދެއްވާފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ފަހުން އިބްރާހީމް އައިސަމް އާއި ހުސެއިން ނިހާން ފޮނުވާލި ހަމަލާތައް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި އީގަލްސްއިން މާޒިޔާގެ ގޯލާ އަމާޒުކޮށް އެންމެ ފުރަތަމަ ހަމަލާއެއް އުފެއްދީ މެޗުގެ 30 ވަނަ މިނެޓުގައެވެ. އެގޮތުން އޭރިއާ ތެރެއިން ބްރެޒިލުގެ ފޯވާޑް އިވާން ކާލޯސް ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި މާޒިޔާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. އޭރިއާ ތެރެއަށް ނާއިޒް ހަސަން (ދާދު) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިސަމްއެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި މާޒިޔާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ތެރެއިން ދާދު ފޮނުވާލި ހަމަލާ އީގަލްސްގެ ގޯލްކީޕަރު ޝަފީއު ވަނީ ދިފާއުކޮށްފައެވެ.
މާޒިޔާއިން މި މެޗުގައި ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އައިސަމްއެވެ. މި މޮޅާއެކު މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން މިހާތަނަށް ހަތަރު މުބާރާތެއްގެ ފައިނަލުގައި މާޒިޔާ ވާދަކުރިއިރު، އެ ޓީމުން ވަނީ 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ.