އިސްރާއީލުން ޖަލަށް ލާފައިވާ، ފަލަސްތީނުގެ މަޝްހޫރު އެކްޓިވިސްޓެއް ކަމުގައިވާ ޙަދުރު އަދުނާން 86 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށްފަހު މިއަދު ނިޔާވެއްޖެއެވެ.
ޙަދުރު އަދުނާންއަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިޙާދު ކުރަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ވެރިއެއްވެސް މެއެވެ. އޭނާގެ މައްޗަށް އިސްރާއީލުން ވަނީ ޓެރަރިޒަމްގެ ތުހުމަތު ކޮށްފައެވެ.
އިސްރާއީލުގެ ޕްރިޒަން ސާވިސްއިން ބުނެފައިވަނީ، މި ހަފްތާގެ އަންގާރަ ދުވަހު އޭނާ ގޮޅީގައި ހޭނެތިފައި އޮއްވާ ފެނުމުގެ ކުރިން ސިއްޙީ ފަރުވާއަށް ދިއުމަށް އަދުނާން އިންކާރު ކޮށްފައިވާ ކަމުގައެވެ.
އަދުނާން ޖަލު ގޮޅީގައި ނިޔާވެފައިވާ ކަމުގެ ޚަބަރު އާންމު ވިތާ މަދުވަގުތު ކޮޅެއްގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިންވަނީ ގާޒާއިން އިސްރާއީލަށް ރޮކެޓް ތިން ހަމަލާއެއް ދީފައެވެ. މިހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އަދުނާން ނިޔާވުމާއި ގުޅިގެން ފަލަސްތީނުގެ ބޮޑުވަޒީރު ވަނީ އިސްރާއީލުން އޭނާ މަރާލާފައިވާކަމަށް ތުހުމަތު ކޮށްފައެވެ. އަދި އަދުނާން ނިސްބަތްވާ އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ އޭނާގެ މަރުގެ ބަދަލު އިސްރާއީލުގެ ކިބައިން ހިފާނެކަމުގެ އިންޒާރު ދީފައެވެ.
ފަލަސްތީނުގެ ހުޅަގު އައްސޭރިއަށް އުފަން، އުމުރުން 45 އަހަރުގެ އަދުނާނު، އިސްރާއީލުންވަނީ ފާއިތުދިޔަ 20 އަހަރު ތެރޭ އެތައް ފަހަރަކު ޖަލަށް ލާފައެވެ. މިގޮތުން 12 ފަހަރުމަތިން 8 އަހަރު އޭނާވަނީ އިސްރާއީލުގެ ޖަލުގައި ހޭދަ ކޮށްފައެވެ.
އިސްރާއީލުގެ ޖަލުގައި މީގެ ކުރިން އޭނާވަނީ 5 ފަހަރެއްގެ މަތިން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ. އަދި އޭނާ ފަލަސްތީނު ރައްޔިތުންގެ މެދުގައި މަޝްހޫރުވެފައިވަނީވެސް އިސްރާއީލުން ޖަލަށްލާ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކާއި ދެކޮޅަށް ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރުމަށް މަޝްހޫރު މީހެއްގެ ގޮތުގައެވެ.
މިގޮތުން އަދުނާންވަނީ 2011 ވަނަ އަހަރަށްފަހު އިސްރާއީލުގެ ޖަލުގައި 5 ފަހަރެއްގެ މަތިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ. އޭނާ މި ހަޅުތާލުތައް ކޮށްފައިވަނީ ޝަރީއަތަކާނުލާ އިސްރާއީލުގެ ޖަލުގައި ހައްޔަރު ކޮށްފައި ބެހެއްޓުމާއި ދެކޮޅަށެވެ.
2015 ވަނަ އަހަރު އަދުނާންވަނީ އިސްރާއީލުން ޝަރީއަތަކާނުލާ އޭނާ ޖަލަށް ލުމާއިގުޅިގެން 55 ދުވަސް ވަންދެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފައެވެ. އެފަހަރު އިސްރާއީލުންވަނީ އޭނާ ޖަލުން ދޫކޮށްލާފައެވެ.
އަދުނާން ނިޔާވުމަށްފަހު އޭނާގެ ހަށިގަޑު އިސްރާއީލުން އަދިވެސް އޭނާގެ އާއިލާއާއި ހަވާލުކޮށްފައެއް ނުވެއެވެ. އަދުނާންއަކީ 9 ކުދިންގެ ބައްޕައެކެވެ.
އިސްރާއިލުގެ ޖަލުގައި ފަލަސްތީނުގެ 4،900 ރައްޔިތުން ތިބިއިރު އޭގެ ތެރެއިން 1016 މީހުންނަކީ އެއްވެސް ޝަރީއަތަކާ ނުލާ ހައްޔަރު ކޮށްފައި ތިބި ރައްޔިތުންނެވެ. އޭގެ ތެރޭގައި 160 ކުޑަކުދިންނާއި 30 އަންހެނުން ހިމެނޭއިރު، 554 ފަލަސްތީނު ރައްޔިތުންނަކީ އުމުރު ދުވަހުގެ ޖަލުހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.
One Response
ޢިސްރާއީލް ގެ ޔަހޫދީން ގެ މައްޗައް ކޯފާއެް ފޮނުއްވާންދޭވެ