ބަނޑު ނުފަޅައި ބަނޑުގެ އޮޕަރޭޝަންކުރުމަށް ބޭނުންކުރާ ލެޕްރޮސްކޯޕިކް ސާރޖަރީތައް މާދަމާއިން ފެށިގެން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހެދުމަށް އެ ހޮސްޕިޓަލުން ތައްޔާރުވެފައިވާކަމަށް ބުނެފި އެވެ.
އެ ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ލެޕްރޯސްކޮޕިކް ސާޖަރީ ހަދަން ޖެހޭ މީހުންނަށް ސާޖަރީ ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށްބުނެފައިވެއެވެ. އަދި އެ ސާޖަރީތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗާއި ގުޅިގެންކަމަށްވެސް އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަކުން މަޢުލޫމާތުދެއެވެ.
ލެޕްރޯސްކޮޕިކް ސާޖަރީ އަކީ ބަނޑު ފެޅުމަށް ކަފާލުމުގެ ބަދަލުގައި ބަނޑުގައި ކުދި ލޯވަޅުތަކެއް އަޅައިގެން ހަދާ ސާޖަރީއެކެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެތަނުގައި ދާއިމީކޮށް ލެޕްރޯސްކޮޕިކް ސާޖަރީ ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އައިޖީއެމްއެޗްއާއި ގުޅިގެން މަސައްކަތްތަކެއް ވެސް ކުރެވެމުން އަންނަ ކަމަށެވެ. އެ ސާޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ސާމާނު މިދިޔަ އަހަރުގެ ފަހުކޮޅު ތިނަދުއަށް ގޮންގޮސް އިންސްޓޯލްކޮށްފައިވެ އެވެ.
ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތާއެކު އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތް ވެސް މާދަމާ ފެށުމަށް ހަމަޖެހިފައިވެ އެވެ. މިއީ ފަސޭހަ ނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަވަހަށް ފަސޭހަކުރުމުގެ ފަރުވާއެކެވެ. އެޑްވާންސް ވޫންޑް ކެއާގެ ހިދުމަތަށް ދިނުމަށް ހާއްސަ ކްލިނިކެއް ވެސް ތިނަދޫ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވެ އެވެ.
މީގެ އިތުރުން ކެމެރާ ލައްވައިގެން ކުރަންޖެހޭ އަންހެނުންގެ ހާއްސަ އޮޕަރޭޝަންތަކާއި ހުޅުތެރެއަށް ކެމެރާ ލައްވައިގެން ކުރާ ކަށީގެ އޮޕަރޭޝަންތައް ފެށުމަށް ވެސް އެ ހޮސްޕިޓަލުން އަންނަަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓު ފޮނުވާ