އިމުގެ މައްސަލަ ރާއްޖެއާއި އެއްކޮޅަށް، ސަރުކާރަށް ބޮޑު ކާމިޔާބެއް!

އިމުގެ މައްސަލަ ރާއްޖެއާއި އެއްކޮޅަށް، ސަރުކާރަށް ބޮޑު ކާމިޔާބެއް!

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 02:49
0

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިމުގެ މައްސަލާގައި އިޓޮލްސްއިން ކުރި ހުކުމުގައި ވަނީ ދެގައުމުން ޝަރީއަތުގެ މަރުހަލާގައި ރިއާޔަތް ކޮށްފައިވާ ނުކުތާތަކަށް ތަފްސީލްކޮށް ބެލުމަށްފަހު، އެ ނުކުތާތަކާމެދު ކޯޓުން ދެކޭގޮތް ބަޔާން ކޮށްފައެވެ.

މިގޮތުން ކޯޓުގެ ހުކުމުގެ އެންމެ ފުރަތަމަ ބަޔާން ކޮށްފައިވަނީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހެމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ކޯޓުން ދެކޭ ކަމުގައެވެ. އެއަށްފަހު މި އުސޫލުން ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހުމުގައި މޮރިޝަސްއިން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދިޔަ އެއް ނުކުތާ ކަމަށްވާ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ލިބޭ 200 މޭލުގެ ސަރަހައްދު ކަނޑައެޅުމުގައި ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާ ބުނުމަށް ކޯޓުން ތާއީދު ކޮށްފައެއް ނުވެއެވެ.

އަދި މި ފަރުގެ ހިކިދިޔައިގައި ފެންނަން ހުންނަ ހިސާބަކީ، އިކުއިޑިސްޓެންސުން ބަހާއިރު މިން އެޅޭނެ ބޭސްއެއް ނޫންކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މިއީ ބައިނަލްއަގުވާމީ ކޯޓުގައި މައްސަލަ ކާމިޔާބު ކުރުމަށް، ސެޓްލައިޓް ފޮޓޯތަކާއި، ސައިންޓިފިކް ހެކިތައް ހުށަހެޅުމާއެކު ރާއްޖެއިން ބޭނުން ކުރި އެންމެ ވަރުގަދަ އަސާސްކަން ފާހަގަ ކޮށްލެވެއެވެ.

ކަނޑުގެ ސަރަހައްދުބެހުމަށްފަހު މިއަދު ކޯޓުން އާންމުކުރި ކުރެހުމުގެ ސްކްރީން ޝޮޓެއް.

ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަތުމާއެކު، މައްސަލަ އުފެދުނު ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ބަހާނެ ގޮތަކާއި ގުޅޭގޮތުން މިއަދު އިޓޮލްސްއިން އިއްވި ހުކުމުގައި ވަނީ ބޭސް ޕޮއިންޓްތައް މިންކުރަން ފަށަންޖެހޭ ހިސާބުތަކާއި، އެ ހިސާބުތަކުން ބޭސް ޕޮއިންޓްތައް ކުރެހުމުން ދެގައުމުގެ ކަނޑުގެ ސަރަހައްދު ކަމުގައި ކަނޑައަޅާ ސަރަހައްދުގެ މިންތައްވެސް ކަނޑައަޅާދީފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބަޔާންކުރާ، ބޭސްލައިނުން ފެށިގެން ބޭރަށް އޮންނަ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ އެގައުމެއްގެ އިގުތިސާދީ ސަރަހައްދުކަމަށް ބުނާ މިސަރަހައްދުގައި މައްސަލަ އުފެދިފައިވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި، ފޯޅަވަހީގެ ބެހިމް ފަރުން ފެށިގެން ބޭރަށްއޮތް 200 ނޯޓިކަލް މޭލުގެ ސަރަހައްދާ ފުށުއަރާ ހިސާބުންނެވެ. ފޯޅަވަހިން ބޭރަށް އޮންނަ 200 ނޯޓިކަލް މޭލުގެ ސަރަަހައްދު، ފޯޅަވަހީގެ ބެހިމް ފަރުން ފެށިގެން ކަޑައަޅާއިރު، ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީއެވެ. މިގޮތުން ފުށުއަރާ ސަރަހައްދުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ގާތްގަޑަކަށް 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެއެވެ.

އެހެންނަަމަވެސް ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންގޮސްފައިވަނީ، ފޯޅަވަހީގެ ބެހިމް ފަރު ތިލަވެފައި އޮންނަނީ ހަމައެކަނި ތިލަ ދިޔާގައި އެކަނިކަމަށްވާތީ، މި ފަރުން ފެށިގެން ބޭރަށް 200 މޭލު ހިސާބު ނުކުރެވޭނެކަމަށް ބުނެއެވެ. އަދި ބޭސް ޕޮއިންޓުގެ ގޮތުގައި ބަލަންޖެހޭނެކަމަށް ރާއްޖެއިން ވަލާތު ކޮށްފައިވަނީ 200 މޭލުގެ އިން ވަކުރުމަށް ފަށަންޖެހޭނީ މީހުންނަށް ދިރިއުޅެވޭ ގޮތަށް އޮންނަ ހިކިފަސް ތަނަކުން ކަމުގައެވެ. އެއުސޫލަށް ކޯޓުން ނިންމައިފިނަމަ، ފުށުއަރާނޭކަމަށް ބެލެވެނީ 4،687 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ފުށުއަރާކަމަށް މޮރިޝަސްއިން ވަކާލާތުކުރާ 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ %5 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.