ޗާގޮސްއާއި ރާއްޖެއާދެމެދު ޚިޔާލުތަފާތު ވެފައިވާ މެރިޓައިމް ބައުންޑަރީގެ މައްސަލާގައި އިދިކޮޅު ޕީޕީއެމްއިން މަސައްކަތް ކުރަމުންދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށްކަމަށާއި، އެޕާޓީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ކަމުގައި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ބައުންޑަރީގެ މައްސަލަ ކޯޓުގައި މިއަދު ނިންމުމަށް ތާވަލް ކޮށްފައިވާއިރު، މިމައްސަލާގައި އިދިކޮޅު ޕީޕީއެމްއިން އިޓޮލްސްއަށް ފޮވުނި ސިޓީއަށް ރައްދު ދެމުން ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފައިވާ ކަމުގައެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވާކަންވެސް ސަރުކާރުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ހަމަ އެއާއެކު، އިދިކޮޅު ޕާޓީން ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް މޭރުންކޮށް ސަރުކާރުން ވިދާޅުވެފައިވަނީ، ކުރިން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މި ސަރުކާރުން މާފަށް އެދެން ޖެހޭނަކަމަށް ޕީޕީއެމް ބުނެފައިވާއިރު، އޭގެ ކުރިން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައިކަމުގައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ، މިފަދަ މައްސަލައެއްގައި ދިވެހި ޢާއްމު ރައްޔިތުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަ ކުރާކަމުގައެވެ.
އަދި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަމަށްވެސް މިމައްސަލާގައި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.