ޗާގޮސްއާއި ރާއްޖެއާދެމެދު ޚިޔާލުތަފާތު ވެފައިވާ މެރިޓައިމް ބައުންޑަރީގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އިދިކޮޅު ޕީޕީއެމްއިން ނެރެފައިވާ ބަޔާނަށް ސަރުކާރުން ރައްދު ދީފިއެވެ.
ސަރުކާރުން އިދިކޮޅު ޕީޕީއެމްއަށް ރައްދު ދީ ބަޔާނެއް ނެރެފައި މިވަނީ، ޗާގޮސްގެ މައްސަލާގައި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި، އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް، ރައްޔިތުންގެ މަޖިލިހުގެ ރުހުމާނުލާ ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓޮލްސް)ގެ ރެޖިސްޓްރަށް އިއްޔެ ސިޓީއެއް ފޮނުވާފައި ވަނިކޮށޭވެ.
މި ސިޓީގައި އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ މިއީ ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ރުހުމާ ނުލާ، ގާނޫނު އަސާސީއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އަދި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށްފަހު އެނިންމުން ދެން އަންނަ ސަރުކާރަކުން ބަދަލު ކުރާނެ ކަމުގައެވެ.
އިދިކޮޅު މި ސިޓީއަށް ރައްދު ދީ ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހޭ ކަމަށާއި، ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދި ކަމުގައެވެ.
އެހެންނަމަވެސް މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫންކަމަށް ސަރުކާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމަށް މިބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަދި މޮރިޝަސްއިން އިޓްލޮސްއަށް މިމައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ޙައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި ބަޔާނުގައި، ސަރުކާރުން ވަނީ، އިދިކޮޅު ޕީޕީއެމްއިން ދައުވާ ކުރާގޮތަށް، ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިގާކަމަށް އެއްވެސް އިރަކު ރާއްޖެއިން ދައުވާ ކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްފައެވެ.
ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ޤަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައެއް ނުވެއެވެ.
ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެކަމަށެވެ.
ސަބަބެއް ކަމުގައި ފާހަގަ ކޮށްފައިވަނީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާވުން ކަމަށް ވިދާޅުވެފައި ވެއެވެ.
އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވާ ކަމަށާއި، އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައިކަންވެސް ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.
މި ބަޔާނުގައި ވަނީ، މިފަދަ މައްސަލައެއްގައި ދިވެހި ޢާއްމު ރައްޔިތުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަ ކުރާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
ބައިނަލް އަގުވާމީގޮތުން މޮރިޝަސްގެ ބައެއްގެ ގޮތުގައި މިހާރު ނިންމާފައިވާ، އަދި ރާއްޖެއިން އެގޮތަށް ޗާގޮސް ބަލައި ގަތުމާއި ގުޅިގެން، ފުށުއަރާ ދެގައުމުގެ ކަނޑުގެ ސަރަހައްދުގެ، ސަރަހައްދީ އިމާއި ގުޅޭ މައްސަލައާމެދު ބައިނަލްއަގުވާމީ ކޯޓުގައި ގޮތެއް ނިންމުން މާދަމައަށް ވަނީ ތާވަލް ކޮށްފައެވެ.