ސްޕެނިޝް ލީގުގައި ރޭ އެތުލެޓިިކޯ މެޑްރިޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.
ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 43 ވަނަ ސިކުންތުގައި އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ. އޭގެ ފަހުން، މެޗުގެ 35 ވަނަ މިނިޓްގައި ގްރީޒްމަން ޖެހި ޝޮޓެއް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފައެވެ.
ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ބާސެލޯނާގެ ފެރާން ޓޮރޭޒްއެވެ. މެޗުގެ 44 ވަނަ މިނިޓްގައި ރަފީނިއާ ޖައްސާލި ބޯޅަ އޭރިއާ ރޮނގުކައިރިން ފެރާން ޓޮރޭޒް ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފައެވެ.
އެތުލެޓިކޯ އިން ގޯލެއް ޖެހިޔަނުދީ އެއް ގޯލުގެ ލީޑަކުން ބާސެލޯނާ މޮޅުކޮށްދިނުމުގައި އެ ޓީމުގެ ކީޕަރު ސްޓެގެން މުހިންމު ރޯލެއް ކުޅުނެވެ. މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އަބަދުވެސް އޭނާ ގަބޫލުކުރި ކަމަކީ ސްޓެގެން އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ކީޕަރުންގެ ތެރެއިން އެކަކު ކަމަށެވެ.
ބާސެލޯނާ، ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. ބާސެލޯނާ އަށް އޮތީ 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށެެވެ. ލީގުގައި ބާކީ އެ ޓީމަށް އޮތީ އަށް މެޗެވެ. ބާސެލޯނާ އަށް 30 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 30 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އޮތީ 30 މެޗުން 60 ޕޮއިންޓެވެ.