ރެއާލް މެޑްރިޑްގެ ވިންގް، މާކޯ އަސެންސިއޯ ޖެހި ގޯލާ އެކު، އެ ޓީމުން 2-0 އިން ސެލްޓަ ވީގޯ އަތުން ރޭ މޮޅުވެއްޖެއެވެ.
ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 42 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ މާކޯ އަސެންސިއޯ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އަސެންސިއޯ މި ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުންނެވެ. އެ ގޮތުން، ވިނީޝިއުސް ނެގި ބޯޅަ އަސެންސިއޯ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފައެވެ.
މެޗުގައި ރެއާލުން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގައެވެ. މިއީ ކޯނަރަކުން އަސެންސިއޯ ނަގައިދިން ހުރަހުން، އެޑާ މިލިޓާއޯ ފުންމައިގެން އަރައި، ގޯލުގެ ތިރީ ކަނަށް ބޮލުން ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
މި މޮޅާ އެކު، ލީގުގެ ދެ ވަނައިގައި އޮތް ރެއާލުން ވަނީ އިތުރަށް އެއް މެޗު ކުޅެގެން، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 29 މެޗުން 73 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 30 މެޗުން 65 ޕޮއިންޓް ލިބިފައެވެ.