މަޖިލިސް ޗުއްޓީއަށް ދާންވާނީ ރައްޔިތުންގެ ތެރޭގައި މިހާރު ބޮޑު މައްސަލައަކަށް ވެފައިވާ ކޮތަޅުން ފީނެގުމުގެ މައްސަލައަށް ހައްލު ހޯދައި ދީފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ފާސްކުރެއްވުމުން، ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެން އުޅޭ މައްސަލަ ހައްލުވެގެންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިޤާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް އަދި މަޖިލީހުގައި ފަށާފައި ނުވާއިރު، މަޖިލީހުން ނިންމާފައިވަނީ މިހަފްތާގައި ޗުއްޓީއަށް ދިއުމަށެވެ. މިއީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުގެ ތެރެއިން ލިބޭ އެންމެ ކުރު ޗުއްޓީއެވެ. މިހަފްތާ ނިންމުމަށްފަހު މަޖިލިސް 15 ދުވަހުގެ ޗުއްޓީއަކަށް ދާން ވަނީ ނިންމާފައެވެ.
ކޮތަޅުގެ މައްސަލާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒުވާ މިދަނޑިވަޅުގައި މިކަމުގެ އެންމެ ބޮޑު ޕްރެޝަރެއް އޮތީވެސް މަޖިލިސް މެމްބަރުންނަށެވެ. އެއީ މިވަގުތު މަޖިލީހުގައި މިއިސްލާހު އޮތުމުންނެވެ. މެމްބަރު ޝިފާއު ވިދާޅުވީ ޤައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނަމަ މަޖިލިސް ޗުއްޓީއަށް ދާންވާނީ ކޮތަޅުގެ މައްސަލައަށް ހައްލު ހޯދައި ދީފައިކަމަށެވެ.
ގައުމީ މައްސަލަތަކުގައި ކަންބޮޑުވެ ރައްޔުޔުންގެ އިހުސާސްތަށް ދަންނަނަމަ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދާންވާނީ މިހަރު މަޖިލީހަށް ހުށައަޅާފައިވާ 24/2022ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގެެ މަސައްކަތް ނިންމާ ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަދީފައި.
– ޝިފާއު ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމާއި އެކީ، މީގެ ކުރިން 85 ރުފިޔާއަށް ލިބުނު ކޮތަޅު ބޮނޑިއެއް މިހާރު ލިބެން ހުރީ 285 ރުފިޔާއަށެވެ. އެއީ އޭގައި ވާ 100 ކޮތަޅުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާ އިތުރަށް ނެގުމުންނެވެ
އެހެންވެ، 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮޑިތަކުން ފީއެއް ނަގަން ނުޖެހޭ ގޮތަށް މަޖިލީހަށް އިސްލާހެއް މިހާރު ވަނީ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މިކަމާއި ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރެއްވީ ކޮތަޅު ބޮނޑި ގަންނަނަމަ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާވާނެހެން އޮތް މާއްދާ އުނިކުރުމަށްފަހުކަމަށެވެ.
އެ މާއްދާ އުނިކުރެވިފައިވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީ ސަރުކާރުން ނިންމެވީ ބިލު އަނބުރާ ފޮނުވާލެއްވުމުގެ ބަދަލުގައި ތަސްދީގުކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށްކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ފީީ ނެގުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމެނުމަށް މިދިޔަ މާޗުމަހު ތެރޭގައި ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުއެވެ. ސަރުކާރުން ވިދާޅުވީ މި އިސްލާހު ފާސްވެެގެންދިއުމާއެކު ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ހައްލުވެގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ