ކުމުންދޫ ނެރު މައްޗަށް ފެރީއެއް އުރި 4 މީހަކަށް އަނިޔާވެއްޖެ

ކުމުންދޫ ނެރު މައްޗަށް ފެރީއެއް އުރި 4 މީހަކަށް އަނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2023 04:06
0

ހދ.ކުމުންދޫއާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ދެމެދު ދަތުރު ކުރާ ފެރީ ދޯނި ކުމުންދޫ ނެރު މައްޗަށް އުރި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެއެވެ.

"ކުރަނގި 2″ ނަމަކަށް ކިޔާ މި ފެރީ ކުމުންދޫ ނެރުމައްޗަށް އުރުނުއިރު، އެ ދޯނިން ދަތުރުކުރި 15 ވަރަކަށް މީހުންގެ ތެރެއިން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. އަދި ދޯނީގައި ހުރި ބައެއް މުދާ އެސަރަހައްދަށް ވަނީ ގެއްލިފައެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. ކުމުންދޫ ކައުންސިލް މެންބަރަކު ބުނީ މިއަދު މެންދުރު ހިނގާދިޔަ މީހާދިސާގައި ފެރީން ދަތުރުކުރި މީހެއްގެ އަތް ބިންދައިގެން ގޮސް މިހާރު ދަނީ އޭނައަށް ފަރުވާދެމުން ކަމަށެވެ. ކުމުންދޫ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ އެ ފެރީ ކުމުންދޫއަށް ބަނދަރު ކުރަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އުރި އެ ދޯންޏަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

އެރަށު ކައުންސިލުން މައުލޫމާތުދިން ގޮތުގައި ދޯނި ދިޔަވަމުންދާތީ، ދޯނި އަޑިޔަށް ދިޔަ ނުދިނުމަށްޓަކައި އެރަށު ރައްޔިތުންނާއި ދޯނީގެ ފަޅުވެރިންވެގެން އަދިވެސް ދަނީ ދޯނީގެ ދިޔަ ހިއްކަމުންނެވެ.

ކައުންސިލް މެމްބަރު ބުނީ އެ ރަށު ނެރު މަރާމާތު ކުރުމަސް މިހާރު ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައި ކަމަށާއި އެ މަސައްކަތުގެ ތެރެއިން ނެރުމަގު މިހާރު ވަނީ ފުންކޮށްފައި ކަމަށެވެ. ނަމަވެސް ނެރުގެ ބޭރު ބްރޭކްވޯޓާނުޖެއްސި އޮތުމާއި ނެރުމަތީ ޖައްސަންޖެހޭ ބޮޑުހިލަ ވެސް އަދި ނުޖެއްސި އޮތުމަކީ މިފަދަ ހާދިސާތައް މިވަގުތު ހިނގަން މެދުވެރިވާ ސަބަބެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.