ރާއްޖޭގެ ކުރީގެ ދެ ރައީސުންކަމަށްވާ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ޓުވިޓަރ ވެރިފިކޭޝަން ބެޖު އަބުރާ ގެންގޮސްފިއެވެ. އެހެންނަމަވެސް ދެބޭފުޅުންގެ ޓުވިޓަރ ވެރިފިކޭޝަން ސްޓޭޓަސްއަށް ބަދަލު އަައި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ރައީސް މައުމުނާއި ރައީސް ނަޝީދުއާއި ދެބޭފުޅުންގެ ޓުވިޓަރ ހެންޑްލް ހިމެނެނީ ރާއްޖޭއިން އެންމެ ފޮލޯވަރުން ގިނަ ޓުވިޓަރ ހޭންޑްލް ތަކުގެ ތެރޭގައެވެ.
މީގެ ކުރިން ޓުވިޓަރއިން ހާމަކޮށްފައިވަނީ މި އެޕްރިލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓުވިޓަރއަށް 8 ޑޮލަރު ނުދައްކާ ފަރާތްތަކުގެ ނޫ ބެޖް އަބުރާ ގެންދަން ހަމަޖެހިފައިވާކަން ހާމަ ކޮށްފައެވެ. އަދި ޓުވިޓަރއިން ވަނީ ދައުލަތްތަކުގެ ވެރިންނަށާއި މުވައްސަސާތަކަށާއި އެނޫން ބައެއް މުހިން އިސްޓިޓިއުޝަންތަކަށް ވަކި ޚާއްސަ ކުލަތަކުގެ ބެޖްތައް ތައާރަފް ކޮށްފައެވެ.
ދުނިޔޭ އެންމެ މުއްސަދި މަހުޖަނު ކަމުގައިވާ އެލޮން މަސްކު 42 ބިލިއަން އެމެރިކާ ޑޮލަރަށް، ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމުގައިވާ ޓުވިޓަރ ގަތުމަށްފަހު އޭނާވަނީ ޓުވިޓަރގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މިގޮތުން އޭނާ ޓުވިޓަރގެ ސިޔާސަތަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކަށް ވެގެންދިޔައީ، އެކައުންޓުތައް ވެރިފައި ކުރުމަށް ޓުވިޓަރއިން ބޭނުން ކުރަމުން އަައި ނޫ ބެޖްއަކީ ގަންނަންޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
އަދި ފާއިތުވި ޑިސެމްބަރުމަހު، 8 ޑޮލަރަށް ނޫ ބެޖް ވިއްކަން ފެށުމަށްފަހު ޓުވިޓަރއިން ހާމަ ކޮށްފައިވަނީ، މިއަހަރު ފެށިގެން މާގިނަ ދުވަސްތަކެއް ނުވަނީސް، މަސްކު ޓުވިޓަރ ގަތުމުގެ ކުރިން ދޫކޮށްފައި ހުރި ނޫ ބެޖްތަކަށްވެސް 8 ޑޮލަރު ދައްކަން ޖެހޭގޮތަށް ބަދަލުވެގެން ދާނެ ކަމުގައެވެ. މަސްކު ޓުވިޓަރ ގަތުމުގެ ކުރިން ދޫކޮށްފަ ހުރި ނޫ ބެޖްތައް ފަހުން ބަދަލު ކޮށްފައިވަނީ "ލެގަސީ ވެރިފައިޑް" ގެ ނަމަވެށެވެ.
ޓުވިޓަރއިން އިތުރު ޚިދުމަތްތައް ދެމުންދާ، ނޫ ބެޖަކީ މަހަކަށް 8 ޑޮލަރު ދައްކަންޖެހޭ ޚިދުމަތެކެވެ. މި ޚިދުމަތް ހޯދާ ފަރާތްތަކަށް ޓުވީޓުތައް އެޑިޓް ކުރުމުގެ ފުުރުސަތު ލިބެއެވެ. އަދި ނޫ ބެޖް ގަންނަ ފަރާތްތަކަށް އާންމުކޮށް އަޕްލޯޑް ކުރެވޭ ވީޑިއޯތަކަށްވުރެ ދިގު ވީޑިއޯތައް އަޕްލޯޑްކުރުމުގެ ފުރުސަތުވެސް ދިނުމަށް ޓުވިޓަރއިން ވަނީ ހަމަޖައްސާފައެވެ.