އުފާވެރި ފިތުރު ޢީދަށް ހުރިހާ އަޚުންނާއި އުޚުތުންނަށް މަރްޙަބާ ކިޔަމެވެ.
މިއީ ޝައްކެއްނެތް ގޮތެއްގައި އަޅުގަނޑުމެންގެ މުސްލިމްތަކުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭނޭ ކަމެކެވެ. އަދި ﷲ ގެ ރަޙުމަތާއެކު އަޅުގަނޑުމެންގެ ރޫޙު ތާޒާވެ އަލުން އާޖޯޝަކާއި ފޯރިއަކާއި އެކު ކުރިޔަށް ދިޔުމަށް އޮތް ބާރެއްވެސް މެއެވެ.
ބޭފުޅުންނޭވެ! ފިތުރު ޢީދަކީ ރަމަޟާންމަހުގެ މާތް އަޅުކަން ލިބިގަތުމަށްފަހު، އެ ބޮޑު ނިޢުމަތް ދެއްވިކަންމައްޗަށް ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ލިބިފައިވާ ދުވަހެކެވެ. ފަހެ ރަމަޟާންމަހުގެ އަޅުކަމާއި ލައިލަތުލް ޤަދްރިވިލޭރޭގެ މާތްކަން ލިބިގަތުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ފުރަތަމަ އުފާގެ ގޮތުގައި ﷲ ދެއްވާފައިވާ ހަދިޔާއެކެވެ. މި ހަދިޔާ އަޅުގަނޑުމެން ބަލައިގަންނަންވާނީ ޝުކުރާއި އުފަލާއި އެކުއެވެ.
އަނަސްގެ رضي الله عنه ވިދާޅުވިއެވެ. ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތްއިރު (ޖާހިލިއްޔަ ޒަމާނުންސުރެ) އެބައިމީހުން ކުޅިވަރުކުޅެ އުފާފާހަގަ ކުރާ 2 ދުވަހެއް ވިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "ﷲ ތަޢާލާ އެ 2 ދުވަހުގެ ބަދަލު އެހެން 2 ދުވަހެއް ތިޔަބައިމީހުންނަށް ދެއްވައިފިއެވެ. އެއީ ފިތުރު ޢީދާއި އަޟްޙާ ޢީދެވެ."
رواه أبوداود މިދުވަހު މުސްލިމުން ރަމަޟާންމަހަށްފަހު ޒަކާތް ނެރުންވެއެވެ. ނަމަވެސް މިކަން ހިނގާނީ މިދުވަހުގެ އިރު ދެ ލޮންސިއަށް އެރުމުން (އިރު އަރާތާ 40 މިނެޓްއިރު ފަހުން) ކުރާ ޢީދު ނަމާދަކުންނެވެ. ޚުތުބާގެ ކުރިޔަށް ޢީދު ނަމާދުކުރެވެއެވެ. ހުކުރާ ޚިލާފަށެވެ. އަދި ފިރިހެނުންނާއި އަންހެނުން ޢީދުނަމާދަށް ޖަމާވުމަށް ދީން ނުހަނު ބާރު އަޅައެވެ.
ޢީދު ނަމާދު فرض ކުރެއްވުމުގެ ޙިކުމަތް:
1- އިސްލާމްދީނުގެ ޝިޢާރުތައް ފާހަގަކުރުން؛ ޢީދު ނަމާދަކީ އޭގެ އެންމެ ބޮޑު އެއް ޝިޢާރަށް ވާއިރު، ހުކުރު ނަމާދަށްވުރެ ގިނައިން އެކަމަށް މީހުން ޖަމާވާއިރު، ތަކްބީރު ކިޔުމަށް ކަނޑައެޅިފައިވެއެވެ.
2- ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ މީހުން އެއްވާ ތަނެއް އޮތުން؛ އެމީހުންގެ ބާރު ދައްކާލުމަށާއި، އެމީހުންގެ ގިނަކަން އެނގުމަށްޓަކައި މީ ކުރެވޭކަމެކެވެ. އެހެންކަމުން ހުރިހާ މީހުންނަށްވެސް ބޭރަށް ނުކުތުމަކީ މުސްތަޙައްބުކަމެކެވެ. އަދި ދިޔުމާއި އައުމުގައި މަގު ތަފާތުކުރުން ވެއެވެ. ޢީދުގައި އެކަކު އަނެކަކަށް ޞަޙާބީން އެއްބޭކަލަކު އަނެއް ބޭކަލަކަށް ކިޔައި އުޅުއްވި ތަހުނިޔާ ކިޔާށެވެ. އެއީ "تَقَبَّلَ اللهُ مِنَّا وَمِنْكَ" މާނައީ: "ތިމަންމެނާ އަދި ތިބާގެ ފަރާތުން (ހެޔޮ ޢަމަލުތައް) މާތް ﷲ ޤަބޫލު ކުރައްވާނދޭވެ!" މިއެވެ.
ފަހެ ފެންވަރާ ރީތި ހެދުމެއްލައިގެން ޢީދު ނަމާދަށް ދިޔުން މުސްތަޙައްބެވެ. އަދި ޢީދު ނަމާދަށް ދިޔުމުގެ ކުރީގައި ކަދުރު އޮށެއް ކެއުމާޢި، ތަކްބީރު ކިޔުންވެސް ވާރިދުވެގެން އައިސްފައިވެއެވެ. އަދި ޢީދު ނަމާދަށް ދިޔުމުގައި ހިނގާފައި ދިޔުމާއި، މުޞައްލައިގައި ނުވަތަ ހުސްބިމަކަށް ނުކުމެ ޢީދު ނަމާދު ކުރުންވެސް ވާރިދުވެގެން އައިސްފައިވެއެވެ.
ޢީދަކީ މާތް ﷲ ދެއްވެވި ހަދިޔާއެއް ކަމަށް ވީހިނދު، އެކަލާނގެ ނުރުއްސަވާ ޢަމަލުތަކާއި ދުރުހެލިވުމަކީ މުހިންމުކަމެކެވެ. އުފާފާޅުކުރުމުގެ ނިޔަތުގައި އެކަލާނގެ މަނާކުރައްވާފައިވާ ކަންކަން ކުރުމަކީ އެކަލާނގެ ޙަޟްރަތުން ކޯފާވެސް އެމީހަކަށް އަތުވެދާނޭ ކަމަކަށްވާތީވެ އެކަމަށް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ވާޖިބު ކަމެކެވެ.
އުންމީދަކީ އަދި ދުޢާއަކީ މި ޢީދަކީ އަޅުގަނޑުމެންނަށް އުފާވެރިކަން ލިބި އަޅުގަނޑުމެންގެ ހެޔޮކަމުގެ ފަތް ބަރުވާނެ ޢީދެއްކަމުގައި ލެއްވުމެވެ.
އާމީން. އަދިވެސް އެއްފަހަރު ފިތުރު ޢީދުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަމެވެ.