މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވެއްޖެއެވެ.
ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް އޮންލައިން އެކި ވަޞީލަތްތަކުން ކުރިއަށްގެންދިޔުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލީ ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. އޭގެފަހުން އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުމުގެ ފުރުސަތު އޮތީ ހަމައެކަނި ބަނޑޭރިޕޭ މެދުވެރިކޮށެވެ. އަދި ބަނޑޭރިޕޭ މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން، ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ރޯދަ މަހުގެ ފަހު ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި، އަދި ގޮވާމުން ޒަކާތް ބަލައިގަތުން މިރޭ 10:30 އާ ހަމައަށް މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި ކުރިއަށްދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ގޮވާމުގެ ގޮތުގައި ލިބިފައިވާ ޒަކާތް މިހާރު ވަނީ ބަހަން ފަށާފައެވެ. އެގޮތުން އިއްޔެ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޒަކާތް ބަހަން ފަށާފައިވެއެވެ. މި އަހަރުގެ ފިތުރު އީދު ކަނޑައެޅުމަށް، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މިރޭ 8:45 ގައި އޮންނާނެ އެވެ.
ފިތުރު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަންޖެހެނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. މިގޮތުން ރާއްޖޭގައި ޒަކާތް ދައްކަންޖެހޭނެ މިންވަރުތައް އިސްލާމިކް މިނިސްޓްރީންވަނީ ޢާއްމުކޮށް އަންގާފައެވެ.