މިއަދު މިގެނެސް ދެނީ ވަރަށް މީރު ބުއިމެއް ތައްޔާރު ކުރާނެ ގޮތެވެ. މީ ރޯދަމަހަށް ވަރަށް ހާއްސަ އެއްޗެކެވެ. ފަލޫދާ އަކީ މީރު އަދި ކުދި ބޮޑު އެންމެން ނަށް ވެސް ވަރަށް ކަމުދާނެ އެއްޗެކެވެ.
އެހެން ކަމުން މިއަދު ބުއިމަކަށް ފަލޫދާ ތައްޔާރު ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ. ފިނިކޮން މި ބުއިން ތައްޔާރު ކުރުމުން އިތުރަށް މި ބުއިން މީރުވެގެން ދާނެއެވެ. އަޖުމަ ބަލާލުމަށް ތައްޔާރު ކޮށްލަބަލާށެވެ.
ބޭނުން ވާނެ ތަކެތި:
¾ ޖޯޑު ގެރިކިރު (އަހަރުމެން ބޭނުން ކުރީ ޑަބަލް ޕީޗް)
2 ޖޯޑު ފެން (ރޯޒް ސިރަޕް ގިރުމަށް)
½ ޖޯޑު ރޯޒް ސިރަޕް
½ ސައިސަމުސާ ވެނީލާ އެސެންސް
½ ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް)
2 މޭޒުމަތީ ސަމުސާ އިސްބަގުލު
10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ
500 ގްރާމް ވެނީލާ އައިސްކްރީމް

ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު އެ ފްރިޖަށްލާ ދެތިން ގަޑިއިރެއް ހާއިރު ފިނިކުރަން ބަހައްޓާށެވެ.
ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ.
ފަލޫދާ ތައްޔާރުކުރަންވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ ½ 1 މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. ދެން 5 މޭޒުމަތީ ސަމުސާ ޖެލީއެވެ. ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ ½ 1 ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށްފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ. ތަންތަނުގައި އައިސްކްރީމް ނަގައި ތަށިތަށްޓަށް އަޅަން ގެންގުޅޭ ބާވަތުގެ އެއްޗެއް ގޭގައި ނެތްނަމަ މޭޒުމަތީ ސަމުސަލެއް މިކަމަށް ބޭނުން ކުރެވިދާނެއެވެ. އަހަރުމެންވެސް ބޭނުންކުރީ މޭޒުމަތީ ސަމުސަލެކެވެ. އަދި އެޅީ ތަށްޓަކަށް 3 މޭޒުމަތީ ސަމުސަލުގެ އައިސްކްރީމެވެ. މިހާރު ހުންނާނީ ފަލޫދާ ތައްޔާރުވެފައިއެވެ.
ކޮމެންޓު ފޮނުވާ