ހެލްތު އިންޝޫރަންސް ދޭންވާނީ މީހާގެ ބަލިހާލަތަށް ބަލައިގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޟް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ މީހަކަށް ފަރުވާ ދިނުމަށް ހެލްތު އިންޝޫރަންސް ކަވަރޭޖް ދޭންވާނީ ބަލިމީހާގެ ބަލި ދެނެގަނެގެން އެ ބައްޔަށް ދެވޭ ފަރުވާއެއް ދިނުމަށް ޓަކައި ދެވޭ އެއްޗެއްގެ ގޮތުގައި ކަމުގައެވެ.
ރިޔާޟް ވިދާޅުވީ ހެލްތު އިންޝޫރަންސް ކަވަރޭޖަކީ ވަކި މީހަކު ވަކި މަޤާމެއްގައި ހުންނާތީ އެ މަޤާމުގެ ބޮޑުކުޑަމިނުން ލިބެންޖެހޭ އެއްޗެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެމް.އެން.ޕީ. ގެ ސިޔާސަތަކީ މީހާގެ ބަލި ޙާލަތަށް ބަލައިގެން އިންޝޫރަންސް ކަވަރޭޖް ކަނޑައެޅުން ކަމުގައެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ލިބޭ ހެލްތު އިންޝޫރަންސް އާ ކުރުމާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމެކެވެ. ރިޔާޟް ވިދާޅުވީ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމާށާއި، ޢާއްމު ރައްޔިތުންގެ އެތައް ބަޔަކު ބޮޑެތި ބަލިތަކުގައި ތަކުލީފު އުފުލަމުން ދާއިރު، އެމީހުންނަށް ފަރުވާކުރަން އެކަށީގެންވާ އިންޝޫރަންސް ކަވަރޭޖް ނުލިބި، މިފަދަ މުއައްސަސާތަކުގައި އިސް މަޤާމުތަކުގައި ތިބޭ މީހުންނަށް ބޮޑެތި ޕެކޭޖް ދިނުމަށް ތާއީދު ނުކުރައްވާ ކަމުގައެވެ.
އެމް.އެން.ޕީ އިން ރިޔާސީ ރޭހަށް ނިކުމެ ހުށަހަޅާ މެނިފެސްޓޯގައިވެސް މި މައްސަލައިގެ ޙައްލު ގެނެސްދޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެފައިވަނީ އެމް.އެން.ޕީ. ގެ ވެރިކަމެއްގައި ހެލްތު އިންޝޫރަންސް ކާޑެއް ތަޢާރަފްކުރައްވާނެ ކަމަށާއި، އިންޝޫރަންސް ގެ ބޮޑުކުޑަމިން ކަނޑައެޅިގެން ދާނީ ބަލިހާލަތަށް ބެލުމަށްފަހު ކަމަށެވެ.
ކޮމެންޓު ފޮނުވާ