ކުމުންދޫ ބަނދަރު ތަރައްޤީ ކުރުމާއި، ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

ކުމުންދޫ ބަނދަރު ތަރައްޤީ ކުރުމާއި، ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް

Author
މުޙައްމަދު ޝަޒައިމް
18 އޭޕްރިލް 2023 12:34
0

ހދ.ކުމުންދޫ ބަނދަރު ތަރައްޤީ ކުރުމާއި، ރ.ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ސޮއިކުރެވިގެން ދިޔަ މަޝްރޫޢުއާއިއެކު، ހދ. ކުމުންދޫއަށް ދެގުނަބޮޑު ޒަމާނީ ރީތި ބަނދަރެއް މުސްތަޤުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމުގައި އެމްޓީސީސީން ދެކެމެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ޓީ-ޖެޓީއެއް އިތުރުކުރެވި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ބަނދަރު ތަރައްޤީވުމުން މުސްތަޤުބަލުގައި ހދ. ކުމުންދޫ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 760,45 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 332 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޮއީސް ހަރުކުރުމާއި، މިހާރު ހުރި އެއްގަމުތޮށީގެ 154 މީޓަރުގެ ސަރަޙައްދެއް މަރާމާތު ކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 120 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 30.252,5 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 62.537 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 08.66 މިލިއަން ރުފިޔާއަށް 570 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުއެވެ.

މީގެ އިތުރުން މިއަދު ސޮއިކުރި ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި 780,19 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 45.11 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.