އިސްލާމީ ޝަރީއަތާއިއެކު އަންހެނުންގެ ހައްގުތަށް ވަނީ ކަށަވަރުވެފައިކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އިހުޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން، ޑރ. އަނާރާ ވިދާޅުވީ އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަމަށާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ބޮޑުކަމަށެވެ. އެގޮތުން އަންހެނުންގެ މައްޗަށްވާ އާއިލީ ދައުރާއި، އިޖުތިމާޢީ ދައުރާއި އިޤްތިސާދީ ދައުރާއި ސިޔާސީ ދައުރާއި ދީނީ ދައުރަށް ބައްލަވާލެއްވިއެވެ. އިސްލާމީ ޝަރީޢަތް އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތާއި އިސްލާމީ ޝަރީޢަތުގެ ފަހުން އަންހެނުންގެ ޙާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވަމުންނެވެ.
އިސްލާމީ ޝަރީޢަތް އައުމުގެ ކުރިން އަންހެނުން ދިރިހުއްޓާ ވަޅުލުމާއި، އަންހެނުންނަކީ ވާރުތަވާ ބައެއްގެ ގޮތުގައި ތިބިކަމާއި އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތްކުރުމަށް ލައްވާފައިވާ ބައެއްކަމަށް އޭރު އެ މުޖުތަމަޢުތަކުގައި އޮންނަކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އިސްލާމީ ޝަރީޢަތް އައުމުން އިންސާނާއަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސްދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.
އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ކަނޑައެޅިގެން ދިޔަކަމަށް ވިދާޅުވިއެވެ. އެގޮތުން އިންސާނާ ދިރިހުރުމުގެ ޙައްޤު، ތަޢުލީމު އުނގެނުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި މި ހުރިހާ ޙައްޤުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.
އަދި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމާއި އެހެންކަމުން މި ކަންކަމުން އެނގިގެން ދަނީ އިސްލާމްދީން އައުމުން އަންހެނުންނަށް ލިބިގެންދިޔަ ޤަދަރާއި މަތިވެރި ޝަރަފްކަމަށް ވިދާޅުވިއެވެ. އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަކަމަށްވެސް ޑރ. އަނާރާ ވިދާޅުވިއެވެ.
މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރަށް ބައްލަވަމުން އަންހެނުންނަކީ މުޖުތަމައުގައި ތަފާތު ދައުރު އަދާކުރާ ބައެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އަންހެން ދަރިއެއްގެ ގޮތުގައިއާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި އަންހެނަކު އަދާކުރާކަމަށް ވިދާޅުވިއެވެ.
މި ދައުރުތައް އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށް ވިދާޅުވެ އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުންފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަންކަމަށް ވިދާޅުވިއެވެ.