ފެނަކައިން ދޭންޖެހޭ 2.8 ބިލިޔަން ރުފިޔާގެ މައްސަލަ މަޖިލީހަށް

ފެނަކައިން ދޭންޖެހޭ 2.8 ބިލިޔަން ރުފިޔާގެ މައްސަލަ މަޖިލީހަށް

ފެނަކައިން ކުންފުނިތައް ލައްވައި މަސައްކަތް ކުރުމަށްފަހު ފައިސާ ނުދީ ލައްވާ މައްސަލަ އަވަސްކޮށް ދިބުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. އޭނާގެ މައްސަލާގައި ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ 2.8 ބިލިޔަން ރުފިޔާ ނުދެވި އޮތުމުން ކުންފުނިތަކުގެ މާލީހާލަތު ދަށްވެ ގޮތް ހުސްވެފައިވާކަމަށް ވަނީ ބުނެފައެވެ. އެ ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަ ނުދެވި ބައެއް ވިޔަފާރިތައް ހުއްޓި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ މެންބަރު އާދަމް ޝަރީފު ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްނުވުމުން މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ފެނަކައަށް ބޭނުންވާ ތަކެތި ސަޕްލައިކުރާ މީހުންނަށް ފައިސާ ނުދޭތީ ފެނަކަ އޮފީސް ކައިރީގައި ސަޕްލަޔަރުން މިދިޔަ ހަފްތާގައި ވަނީ މުޒާހަރާކޮށްފައެވެ. ފެނަކައިން އެތައް ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، މިހާތަނަށް އެ ކުންފުނިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ސަރުކާރުން ބުނެފައިވަނީ ފެނަކައަކީ ޔުޓިލިޓީ ކުންފުންޏަކަށްވާއިރު މީގެ ކުރީ ސަރުކާރުތަކުން އެ ކުންފުނި ހިންގީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ތަފާތުވާނެ ކަމަށާއި ފެނަކައިން މިހާރު ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރަށްރަށުގެ މެދުގައި ހުރި އަޑުގަދަ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭގެ ހަރަދުތައް ބޮޑުވާ ކަމަށެވެ. އަދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *