ބާސާއިން މޮޅަށްކުޅެ ތަފާތުބޮޑުކޮށް މޮޅުވެއްޖެ

ބާސާއިން މޮޅަށްކުޅެ ތަފާތުބޮޑުކޮށް މޮޅުވެއްޖެ

ގުޅުންހުރި

ސްޕެނިޝް ލީގުގައި މިރޭ އޮސަސޫނާ އަތުން ބާސެލޯނާ މޮޅުވެ މޮޅުވުމުގެ ރޫހު ދަމަހައްޓައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0 ލަނޑުންނެވެ.

މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ފޯވާޑް މާޓިން ބްރެތުވެއިޓެވެ. އަދި ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ބާސާއަށް ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް އެންޓޮއިން ގްރީޒްމަނެވެ. މެޗުގެ ދެވަނަ ހާފުގައި ފިލިއްޕޭ ކުޓީނިއޯ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބާސާއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އެ ޓީމުގެ ފްރަންސިސްކޯ ޓްރިންކާއޯ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.  އޭގެފަހުން މާގިނަ އިރުތަކެއް ނުވެ ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު ބާސާ ވަނީ ނުވަ މެޗުން 14 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. ބާސާ އަތުން ބަލިވި އޮސަސޫނާ އޮތީ ތާވަލުގެ 15 ވަނައިގައި 10 މެޗުން 11 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *