ޕާކިސްތާނުން ރާއްޖެއަށް ޑްރަގް އެތެރެކުރި ޕާކިސްތާނު ފިރިހެން މީހާއާއި، އިތިއޯޕިއާގެ ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި އިންޑިއާ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
އިންޑިއާ އަންހެން މީހާގެ ބަންދުގެ މުއްދަތު އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން، މިއަދު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދުމުންނެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. ކަސްޓަމްސްއިން ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން، 12 އެޕްރީލް 2023 ވަނަ ދުވަހު އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރަކު ހުއްޓުވައި، ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަދި އޭނާގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ޕާކިސްތާނު މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޭޕްރީލް 14ވީ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. ކަސްޓަމްސްއިން މިތަކެތި އަތުލައިގެންފައިވަނީ، 13 އޭޕްރިލްވީ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ކަރާޗީން ރާއްޖެ އައި ޕާކިސްތާނުގެ އުމުރުން 53 އަހަރުގެ ފިރިހެން ފަސިންޖަރަކާމެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އެގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސުން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފައެވެ.
މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.
މި ދެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް، ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައެވެ.