ސްޕެނިޝް ލީގުގައި ކަޑީޒްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. ކަޑީޒްގެ ދަނޑުގައި ރޭ ކުޅުނު މެޗް ރެއާލްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ރެއާލްގެ ކޯޗް ކާލޯ އެންޗެލޯޓީ ނެރެފައިވަނީ ވަރުގަދަ ޓީމެކެވެ. ނަމަވެސް މިއާއެކުވެސް ތާވަލްގެ 15 ވަނައިގާ އުޅޭ ކަޑީޒް ޑިފެންސް ރެއާލްއަށް ފޫއަޅުވާލެވިފައިވަނީ މެޗްގެ 72 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑިފެންޑަރ ނާޗޯއެވެ.
އަދި އޭގެ ހަތަރު މިނެޓްފަހުން ރެއާލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ. މިމެޗްގައި ރެއާލް އާއި ކަޑީޒް އިން ފޮނުވާލި ދެހަމަލާއެއްވަނީ ގޯލް ދަނޑިއަށް އަމާޒުވެފައެވެ.
މިކާމިޔާބީއާއެކު ރެއާލް އިންވަނީ މިހާތަނަށް ކުޅުނު 29 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ބާސެލޯނާ އާއި ދެެދުގައިވާ ފަރަގު 10 ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް އާދީއްތަ ދުވަހުގެރޭ ގެޓާފޭ އާއި ދެކޮޅަށް ކުޅޭ މެޗް ބާސާއިން ކާމިޔާބުކޮށްފި ނަމަ މިފަރަގު އަނެއްކާވެސް 13 ޕޮއިންޓަށް ބޮޑުވެގެންދާނެއެވެ. ނަމަވެސް މިއީ މިފެށޭ ހަފްތާގެ މެދުތެރޭ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގެ ދެވަނަ ލެގްގައި ޗެލްސީ އާއި ރަށުން ބޭރުގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ރެއާލަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.