ކ.އަތޮޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ލިބުނު ފުރަތަމަ މަޖިލިސް ގޮޑިއާއެކު ސާފުވެގެންދިޔަ ކަމަކީ ދިވެހި ރައްޔިތުން ރައީސް ޞާލިހާއި، މިސަރުކާރުގެ ސިޔާސަތު ބަލައިގަނެފައިވާ މިންވަރުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާ އަކީ ޑީއާރުޕީ ޒަމާނުއްސުރެ "އެމްޑީޕީއާ ދެކޮޅު" ދާއިރާ އެކެވެ. މިދިޔަ 14 އަހަރު ވެސް ރައްޔިތުންގެ މަޖލީހުގައި އެ ދާއިރާ ތަމްސީލުކުރެއްވީ އެމްޑީޕީއާ ދެކޮޅު ފިކުރުގެ ބޭފުޅެއްގެ ގޮތުގައި މަރުހޫމް އިބްރާހީމް ރިޒާއެވެ. ނަމަވެސް އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒް ވަނީ ތާރީހީ ބޮޑު މޮޅެއް ހޯއްދަވައިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝާޒަކީ އެމްޑީޕީގެ ފަރާތުން ގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާނެ ފުރަތަމަ މެމްބަރެވެ.
މި ކާމިޔާބީއާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވީ ޝާޒަށް މަރުޙަބާ ދަންނަވާފައެވެ. އެއަށްފަހު ވިދާޅުވީ، ރައީސް ޞާލިޙާއި މިސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެ، އެ އަޑުތައް މުޅި ޤައުމުގައި ގުގުމާލައިފިކަމަށެވެ. ފައްޔާޟް ވަނީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމުން ކުރި މަސައްކަތަށްވެސް ތަޢުރީފްކުރައްވާފައެވެ.
Alhamdhulihlaahi Congratulations @shaaxibrahim 👏👏👏Great work by Campaign Manager @JeymeyJaish and entire team @MDPSecretariat . A resounding endorsement of @ibusolih and this government. A very good effort by @ProgressPartyMV and @MNP_Secretariat . Insha allah MDP2023
— Fayyaz Ismail (@faya_i) April 15, 2023
އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި ވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން މި އިންތިޚާބުން ހާމަވެފައިވާކަމަށެވެ. އަދި ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމް.ޑީ.ޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒު ކާމިޔާބުކުރެއްވީ، އިންތިޚާބުގައި ވޯޓުލީ މީހުންގެ %48.8 ވޯޓާއެކުއެވެ. އެއީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ.