ބަލި ގަބޫލުކޮށް ރިޒާ، ޝާޒްއަށް މަރުހަބާ ދަންނަވައިފި

ބަލި ގަބޫލުކޮށް ރިޒާ، ޝާޒްއަށް މަރުހަބާ ދަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2023 01:07
0

ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް އަށް މިއިންތިޚާބުގައި ވާދަކުރި ދެކެނޑިޑޭޓުންގެ ތެރެއިން ޝާޒްއާއި ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް ހުދސެއިން ރިޒާ މަރުހަބާ ދަންނަވައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އިންތިޚާބު ކާމިޔާބުކުރެއްވީ 49 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު ރިޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ އިންތިހާބު ކާމިޔާބު ކުރެއްވި އޭނާގެ އަޚް ޝާޒްއަށް އިހްލާސްތެރި ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވާ ކަމަށެވެ. އަދި މިފުރުސަތުގައި އޭނާއަށް ވޯޓުދެއްވައި، ބެހެއްޓެވި ގާތްކަމަށް ގުޅި، ގުރައިދޫ އަދި މާފުށީގެ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ ކެމްޕެއިން ޓީމަށާއި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕަށް ވެސް ހުސެއިން ރިޒާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނިމިދިޔަ އިންތިޚާބު ކާމިޔާބު ކުރެއްވި އަޅުގަނޑުގެ އަޚް ޝާޒް އަށް އިޚްލާސްތެރިތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވަން. މިފުރުޞަތުގައި އަޅުގަނޑަށް ވޯޓުދެއްވައި، ބެހެއްޓެވި ގާތްކަމަށް ގުޅި،ގުރައިދޫ އަދި މާފުށީގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ކެމްޕެއިން ޓީމަށާއި ޕީޕީއެމްގެ ލީޑަރޝިޕަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

– ރިޒާ ވިދާޅުވިއެވެ.

މަޖިލިހުގެ ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ނެގީ ޕީޕީއެމުންނެވެ. އެގޮތުން މިދިޔަ 14 އަހަރު ގޮނޑި ފުރުއްވީ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކ.އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރެވެ.

ޕީޕީއެމްގެ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރާއެކު ރައްޔިތުން ތިބިކަން ހާމަވެއްޖެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
ބަލި ގަބޫލު ނުކުރާ މިގައުމުގައި ތިބޭނީ ޔާމީނާއި ނަޝީދާ އެވެ. ދެން ޕީޕީއެމްގައި ދޮގު ހަދަން ނޭގޭ އުޅޭ ސިޔާމާއި ސުޖާއާއި އަދި ދެތިން މީހެކެވެ.