ރެސިޕީ 50: ކުކުޅު އަލަނާސި ބަތް

ރެސިޕީ 50: ކުކުޅު އަލަނާސި ބަތް

މިއަދު މި ގެެންދެނީ ބަތް ގަނޑެއް ތައްޔާރު ކުރާނެ ގޮތެވެ. މިއަދު މި އޮތީ ކުކުޅު އަލަނާސި ބަތް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަވިއްލާ ގަޑިއަށް ވެސް އަދި ހާރު ދަމަށް ނުވަތަ ތަރާވީހް ގަޑިއަށްވެސް ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ.

ނަމުންވެސް އެނގޭނެ ފަދައިން މިއީ އަލަނާސި ބޭނުން ވާ ބަތްގަނޑެކެވެ. އަލަނާސި މިހާރު ބާޒާރުގައި ވަރަށް ތިޔާގިކަން ފާހަގަ ކޮށްލަމެެވެ. އަިދ ތަފާތު އަގުތަކުގައި، އާންމު ކޮން މާރުކޭޓް އިން ލިބެން ހުރި އެއްޗިއްސާއި އަޅާބަލާފައި އަގުވެސް ހެޔޮކޮށް ހުރި ކަން ފާހަގަ ކޮށްލަމެވެ.

ބޭނުން ވާނެ ތަކެތި:

½ ފިޔާ

2 ލޮނުމެދު

4 ތޮޅި މިރުސް

½ ބެލް ޕެޕަރ

150 ގްރާމް ބޯންލަސް ކުކުޅު

1 ޖޯޑު ކޮށާފައިހުރި އަލަނާސި

½ 2 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

½ 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

½ ލުނބޯ

2 މޭޒުމަތީ ސަމުސާ ތެޔޮ

1/3 & 2 ޖޯޑު ބަތް

ތައްޔާރު ކުރާނެ ގޮތް:

ފިޔާ ގޮޅިކޮށް ކޮށާށެވެ. ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާށެވެ. އަދި މިރުސް ތުނިކޮށް ކޮށާށެވެ. ބެލްޕެޕަރ ފަޅާލާ ކަރުގަނޑު ނެގުމަށްފަހު ގޮޅިކޮށް ކޮށާލާށެވެ. ތުނިކޮށް ކުކުޅުކޮޅު ކޮށާލާށެވެ. އަލަނާސި ދަޅުން އަލަނާސި ފޮތިތަށް ނަގާފައި ފުރާނާލާފައި ކޮށާލާށެވެ (ބޭނުމިއްޔާ ތާޒާ އަލަނާސިވެސް ބޭނުން ކުރެވިދާނެއެވެ).

ބޯތަށްޓެއްގައި އޮއިސްޓަރ ސޯސް، ސޯޔާ ސޯސް އަދި ލުނބޯ ހުތް އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ.

ބޮޑު ތެއްޔެއްގައި ތެޔޮކޮޅު ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔާކޮޅު އަޅާލާށެވެ. ފިޔާކޮޅު މަޑުވަންދެން ކައްކާލުމަށްފަހު ލޮނުމެދުކޮޅާއި މިރުސް އަޅާފައި ބައި މނިޓު ނޫނީ ލޮނުމެދުކޮޅު މަޑުވަންދެން ކައްކާލާށެވެ.

ދެން ތެއްޔަށް ކުކުޅު ކޮޅު އަޅާ އެއްކޮށްލާފައި ރޯފިލަންދެން ކައްކާށެވެ. ދޭތެރެއަކުން އެއްކޮށްލާ ފުށުން ޖަހާލަންވާނެއެވެ. ތުނިކޮށް ކޮށާފަ ހުރިނަމަ މިކަމަށް ނަގާނީ ގާތްގަނޑަކަށް 5 ވަރަކަށް މިނިޓެވެ.

ބެލް ޕެޕަރއާއި އަލަނާސި ތެއްޔަށް އަޅާފައި އެއްކުރަމުން 2 މިނިޓުވަރު ކައްކާށެވެ.

ދެން ބަތްކޮޅު އަޅާއެއްކޮށްލާފައި އެއްކޮށްފައި ބެހެއްޓި ސޯސްތައްވެސް ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މިނިޓެއްވަރު އެއްކުރަމުން ކައްކާލީމައި އެނިމުނީއެވެ.

* ކައްކާފައިހުރި ބަތް ނެތްނަމަ 2/3 ޖޯޑު ހަނޑޫ 1/3 & 1 ޖޯޑު ފެނާއި ¼ ސައިސަމުސާ ލޮނާއެކު ކައްކާލައިގެން މިރެސިޕީގައި ބޭނުން ކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *