މިހާތަނަށް ވޯޓުނުލާ 60 އިންސައްތަ މީހުން، ވަގުތު އިތުރު ނުކުރާނެ!

މިހާތަނަށް ވޯޓުނުލާ 60 އިންސައްތަ މީހުން، ވަގުތު އިތުރު ނުކުރާނެ!

Author
މުޙައްމަދު ޝަޒައިމް
15 އޭޕްރިލް 2023 02:26
0

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މިހާތަނަށް ވޯޓު ލާފައިވަނީ ވޯޓު ދިނުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން 40 އިންސައްތައެއްހާ މީހުންކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން އެންމެފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 3423 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 1،383 މީހުންނެވެ. އެއީ 689 ފިރިހެނުންނާއި 694 އަންހެނުންނެވެ. މިއީ ވޯޓްލުމުގެ ޙައްޤުލިބިފައިވާ މީހުންގެ 40.4 އިންސައްތައެވެ. އެހެންކަމުން ވޯޓްނުލާ އަދިވެސް 60 އިންސައްތައެއްހާ މީހުން އެބައުޅެއެވެ.

އިންތިހާބުގައި ވޯޓްލުން ކުރިއަށްދާނީ ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އެހެންކަމުން ބާކީ ދެން އޮތީ 2 ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެކެވެ. އިލެކްޝަނުން ބުނީ އިންތިޚާބުގައި ވަގުތު އިތުރު ނުކުރާނެކަމަށެވެ. މިއަދު ހެނދުނު 10 އިން ފެށިގެން މޫސުން ގޯސްވެ ގުރައިދޫއަށްވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ކޮންމެވެސް ވަރަކަށް މިހާރު ތުނުކޮށްލާފައި ވީނަމަވެސް އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ.

ބޯވާރޭ ތެރޭގައިވެސް ގިނަ ބަޔަކު ވޯޓުލާން ނިކުންނަކަން ފާހަގަވެއެވެ. ކުރިއަށް އޮތް 2 ގަޑިއިރު ތެރޭގައި ގިނަ ބަޔަކު ވޯޓުލާން ނިކުންނާނެކަމަށް ބެލެވެއެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވައިފައިވަނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ހަވީރު 4:00 އާ ހަމައަށް ކުރިއަށްގެންދެވުމަށެވެ. އަދި ހަވީރު 4:00 ޖަހާއިރު ވޯޓު ފޮށި ކައިރީގައި ވޯޓުލާން މީހަކު ނެތްނަމަ ފޮށި ބަންދުކުރައްވައި 30 މިނެޓުފަހުން ވޯޓު ގުނަން ފެށްޓެވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.

ބައި-އިލެކްޝަންގައި ޖުމްލަ 6 ވޯޓު ފޮށީ ބަހައްޓާފައިވެއެވެ. އެއީ ގުރައިދޫގައި 2 ފޮށި، މާފުށީގައި 2 ފޮށި، ގުޅީގައި 1 ފޮށި އަދި ގުރައިދޫ ދާއިރާގެ މީހުން ވޯޓުލުމަށް މާލޭ ޢިއްޒުއްދީން ސްކޫލްގައި 1 ފޮށްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.