ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލުތައް ހިންގާނަމަ އެފަދަ މީހަކު އުޅޭ ފްލެޓު އަތުލާނެކަމުގެ އިންޒާރު އާބަންކޯއިން ދީފިއެވެ.
އެކުންފުނިން މިއިންޒާރު ދީފައި މިވަނީ ގާތްގާތުގައި ހިޔާ ފްލެޓެއްގެ ބެލްކަނީގައި އަލިފާނުގެ ޙާދިސާތަކެއް ހިނގުމާ ގުޅިގެންނެވެ. މި ދެ ޙާދިސާވެސް ހިނގާފައި މިވަނީ މީހަކު ނިއްވާނުލައި އެއްލާލި ސިނގިރެޓް ފިލްޓަރުބުރިއެއްގެ ސަބަބުންކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.
އާބަންކޯއިން ބުނީ މިފަހަ ޙާދިސާތައް ލުއިކަމެއްގެގޮތުގައި ދެން ނުބަލާނެކަމަށާ، އެފަދަ ކަމެއް ހިނގައިފިނަމަ އެކަންކުރި މީހަކު އުޅޭ އެޕާޓްމަންޓެއް ބަލައި އެއެޕާޓުމަންޓު ނުވަތަ ފްލެޓް އަތުލާނެ ކަމަށެވެ.
ހިޔާ އެޕާޓުމަންޓަކުން ނިއްވާނުލައި ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުން ރޭ ވެސް ވަނީ އެޕާޓްމަންޓެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. މިޙާދިސާ ހިނގި ސަބަބާއި އެކަންކުރި މީހަކު ހޯދުމަށް އާބަންކޯއިން އަންނަނީ ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
ރޭ އަލިފާނުގެ ޙާދިސާ ހިނގީ ހިޔާ 7ވަނަ ޓަވަރުގެ ފުރަތަަމަ ފަންގިފިލާގެ އެޕާޓުމަންޓެއްގައެވެ. މީގެ އިތުރުން މި މަހުގެ ކުރީކޮޅު ހިޔާގެ 5ވަނަ ޓަވަރުގެ 17ވަނަ ފަންގިފިލާގައިވެސް މިފަދަ އަލިފާނުގެ ޙާދިސާއެއް ހިނގާފައިވެއެވެ. މިދެ ޙާދިސާވެސް ހިނގީ ސިނގިރޭޓް ފިލްޓަރުގެ ސަބަބުންކަމަށްވެއެވެ.