ނަޝީދާއި ގާސިމް ރައީސާއި ބައްދަލު ކުރަން އެދިއްޖެ

ނަޝީދާއި ގާސިމް ރައީސާއި ބައްދަލު ކުރަން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2023 02:32
0

ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަކުރައްވަން ނިންމަވައި، އަދި ނަޝީދާއި ގާސިމްގެ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ފަށާފައި ވަނިކޮށް އެ ދެ ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަން ހުށަހެޅުއްވާފައިފިއެވެ.

އެމްޑީޕީ އާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން ވަނީ ރައީސް ނަޝީދާއި ގާސިމް، ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވާފައިވާ ކަން ޔަގީންކޮށްދީފައެވެ. ނަމަވެސް މިބައްދަލުވުމުގެ ބޭނުމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކެއްވެސް ސާފުވެފައި ނުވެއެވެ.

މިހުށަހެޅުމާއި ގުޅިގެން ބައްދަލުކުރައްވަން ރައީސް ސޯލިހު ނިންމެވި ކަމެއް އަދި އެކަމަށް ތާރީހެއް ކަނޑައަޅުއްވާފައިވާ ކަމެއް ނޭނގެއެވެ. ރައީސް ނަޝީދާއި ގާސިމް، ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވާފައިވާއިރު ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމާ އެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް ހުށަހެޅުއްވި ހުށަހެޅުންތަކެއް ހިމެނޭ ކަރުދާހެއް އިއްޔެގެ ވަގުތެއްގައި ލީކްވެފައި ވަނިކޮށެވެ. މިހުށަހެޅުންތަކުގައިވާ އެންމެ މުހިއްމު ޝަރުތަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެއްބަސްވުމެވެ.

ނަޝީދުގެ ހުށަހެޅުންތައް ހިމެނޭ ކަރުދާހުގައިވާ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ހުވާކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ހުށަހަޅުއްވާފައިވެއެވެ. މިވަގުތު ސިޔާސީ މަސްރަހް ހުރި ގޮތުން ނަޝީދުގެ ހުށަހެޅުންތަކުގައިވާ ކަންކަން ހަގީގަތަކަށް ހެދޭނީ ރައީސް ސޯލިހްގެ އެހީތެރިކަން ލިބި އެމަނިކުފާނުގެ ރުހުންވެސް ލިބިގެންކަން ޔަގީނެވެ. އެހެންކަމުން ރައީސް ނަޝީދާއި ގާސިމް، ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ހުށަހެޅުއްވީ ނަޝީދުގެ ކަރުދާހުގައިވާ ކަންކަން ހަގީގަތަކަށް ހެދޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެއީ މިވަގުތަށް އިސްކަން ދެއްވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ ނަޝީދުގެ ހުށަހެޅުއްވުމަށް އޭރުގައި ދެކޮޅު ހައްދަވާފައެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ހިޔާލުތަފާތުވާ މައިގަނޑު މައްސަލަ ތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ ހިމެނެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދުގެ ފަރާތުން ގާސިމް އިބްރާހީމަށް ހުށަހެޅުއްވިއިރު ގާސިމްވެސް މީގެކުރިން ވަނީ އެ ހުށަހެޅުއްވުމަށް މީޑިއާގައި ދެކޮޅު ހައްދަވާފައެވެ. ގާސިމް އޭރު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ބޭނުންވަނީ އަމިއްލަ އެދުމެއް އޮވެގެންނެވެ.

ސިޔާސީ ވާދަވެރިކަމުގައި ހަތުރުންނަށް ވެފައިވާ ކުރީގެ ދެ މިތުރުން ކަމުގައިވާ ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ތާއިދު އޮތްކަން ދައްކަވަމުންނެވެ. އަދި ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ހަރަކާތުން ޖޭޕީއާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވެރިކަން ލިބުނީމަދަތުރުނުކުރާނީކާކުތޯ
ވެރިކަން ލިބުނީމަދަތުރުނުކުރާނީކާކުތޯ
ބ ބޮޅެއް
މިހާރުވެސް އިބުރަަހިމް ރައީސަށް އެއްބުރުން ކާމިޔާބު ކުރެވޭނެކަމަށް ބުނެ ބޮޑައިބަސްތައް ގޮވާބަޔަކު ޤާސިމާ ރނަޝީދާ ކޮން ބައްދަލު ވުމެއް ބައްދަލުވާން ފާޑުފާޑުގެ ލިއުންތައް މި ފޮނުވަނީ! ބޮޑައިކަމުން ހައްދު ފަހަނައަޅާފަ ތިބި ބައެއް ކާކުގެ އެހީތެރިކަމެއް ހޯދަން މީސްމީހުނާ މި ބައްދަލުކުރަން މި ތެޅުވެނީ، ދެވަނަ ދައުރެއް ބޭނުމެއްނޫންކަމަށް ރައީސް ބޭފުޅާ ވިދާޅުވެފާ ހަމަ ހިރުވާވަރުން ކެތް ނުކުރެއްވުނީތޯ؟ ވާނީވެސް އެހެންތާ ވެރިކަމުގާ ހުންނަވައުގެން މިހާރުވެސް މުޅި ދުނިޔެ ވަށާ ބުރުޖެއްސެވިއްޖެ ވިއްޔަ، އަދި ކުރާދަތުރެއްގެ ޚަރަދުތައްވެސް މީހަކަށް ނާންގާ ބޮޑުފޮށި އަޑީގަ ފޮރުވާފަމި އޮންނަނީވެސް، އެހެންވީމާ ވެރިކަމަށް ފެންބޮވާފަ ހުނާނެ ވަރު ވިސްނާލައްވާ! އަމިއްލަ އެދުންނޫންކަމެއް މި ވެރިކަމުގާ ނެތް ގައުމު ފަނާކޮށްފި ގައުމު އަޅުވެތި ކޮށްފި، ގައުމުގެ އިއްޒަތާ ޝަރަފު ވެއްޔާ މޮޑެލައިފި.
އ އަލީ ރަޝީދު
އެކަކީ ރައީސަކާ ކުރާނެ މަޝްވަރާއެއް ނެތްކަމަށް ބުނި މީހާއެވެ. އަނެކަކީ ރައީސްގެ ދައުަވަތު ބޭނުން ނުކޮށް ބޮޑު ބޮނޑި ހޯދަން ނުކުންނަ މީހާއެވެ. މިމީހުންގެ ބޭނުން ޖެހުނީމާ ރައީސް ބައްދަލު ކުރާނެކަމެއް ނެތެވެ. ބަރުލަމާނީގައި ބައްދަން ބައިތިއްބާށެވެ. ދިވެހިން ބޭނުން ނޫން އެއްޗަކާ ކުރާނެ މަޝްވަރާއެއް ނޯންނާނެއެވެ. ސޮއް!