ކުޅުދުއްފުށި ހޮސްޕިޓަލް ހަވާލުކުރި އިންޑިއާގެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން!

ކުޅުދުއްފުށި ހޮސްޕިޓަލް ހަވާލުކުރި އިންޑިއާގެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން!

ގުޅުންހުރި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް 2017 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ އެކު ސޮއިކުރި އެއްބަސްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުވައިލުމަށް ފަހު އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދިންކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެންއައިއައި އިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގި މުއްދަތުގައި ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގު ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކާ ގުޅޭ އެސެސްމަންޓް ރިޕޯޓުގައިވާ ގޮތުން، އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ (އެންއައިއައި) އާ ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން 50 އަހަރަށް ހަވާލުކުރި އެއްބަސްވުން ބާތިލު ކުރީ މި ސަރުކާރުގައި އޮކްޓޫބަރު 27 2019 ވަނަ އަހަރުއެވެ. އެ އަހަރުގެ ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައި އަށް ވަނީ ދީފައެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެއްބަސްވުން އުވާލީ އެންއައިއައި އަށް އާސަންދަ އިން ލިބެންޖެހޭ ފައިސާއާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއަށް ހޯދާފައިވާ އިކުއިޕްމަންޓް އާއި މެޝިނަރީގެ އަގުގެ ގޮތުގައި 19.9 މިލިއަން ރުފިޔާ މެޑިކަލް ކޮންސިއުމަބަލްސްއަށާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ އާއިއެކު ޖުމްލަ 29 މިލިއަން ރުފިޔާ އެކުންފުންޏަށް ދިނުމަށް ހެލްތު މިނިސްޓްރީ އާއިއެކު އެއްބަސްވުމަކަށް އައުމަށް ފަހުއެވެ. 2019 ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައި އަށް ވަނީ ދީފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ އެސެސްމެންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންއައިއައި އިން ކުޅުދުއްފުށި ހޮސްޕިޓަލް ހިންގި ދުވަސްވަރު އެކި ފަރާތްތަކުން 157 ބިލެއް ފޮނުވާފައި ވެއެވެ. އެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާ ދައްކާފައެއް ނުވެއެވެ. އަދި ލިބިފައިވާ ބިލްތަކުގެ ތެރެއިން 0.14 މިލިއަން ރުފިޔާގެ ހިދުމަތަކީ ހޯދި ހިދުމަތްތައް ކަން ވެސް ކަށަވަރު ނުވަކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޮޑިޓް އޮފީހުން ބުނިގޮތުގައި އެންއައިއައި އާއި ދިވެހި ސަރުކާރާ ދެމެދު ސެޓުލްމެންޓް އެގްރީމެންޓް ހެދި އިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އެ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ޒިންމާއެއް އެންއައިއައިގެ މަތިން ކެނޑިފައިވާތީ، ބިލްތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ޖެހޭނީ ހެލްތް މިނިސްޓްރީ އަށް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މުސްތަގުބަލުގައި ހަދާ މިފަދަ ސެޓްލްމެންޓް އެގްރިމެންޓްތަކުގައި، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުންނަ ފައިސާ ދެއްކުމުގައި ޒިންމާވާފަރާތް ބަޔާންކޮށް އެފަދަ ފައިސާ ދެއްކުމުގައި ޢަމަލުކުރާނެ ގޮތް ސާފުކޮށް އެގްރިމެންޓްތަކުގައި ބަޔާންކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ