އެތައް ބަޔަކު އެމްޑީޕީއާއި ފެޔަށް ޖެހެނީ ސިޔާސަތު އޮޅިގެނެއް ނޫން، ސިޔާސަތު ތަންފީޒު ނުކުރެވޭތީ: އަމްރު

އެތައް ބަޔަކު އެމްޑީޕީއާއި ފެޔަށް ޖެހެނީ ސިޔާސަތު އޮޅިގެނެއް ނޫން، ސިޔާސަތު ތަންފީޒު ނުކުރެވޭތީ: އަމްރު

2018 ވަނަ އަހަރު އެމްޑީޕީ އިސްވެ އޮވެ އުފެދުނު ވެރިކަމާއި، އަދި އެމްޑީޕީއާއި އެތައް ބަޔަކު ފެޔަށް ޖެހެމުންދަނީ އެމްޑީޕީގެ ސިޔާސަތު އޮޅިގެން ނޫންކަމަށާއި، ވެރިކަމުގެ ދައުރުގައި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރަން ނޭގުމުން ކަމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެސްޓީއޯގެ އެމްޑީގެ މަޤާމުން އަމްރު ވަކި ކުރިފަހުން ސަރުކާރަށް ފާޑުވިދާޅުވެ، އަދި 2018 ވަނަ އަހަރުން ފެށިގެން މިހިސާބަށް ކަންކަން ހިނގައިދިޔަ ގޮތް ހިއްސާ ކުރައްވައި އަމްރު ނެރުނު ބަޔާނެއްގައި ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުމުގައި ސަރުކާރުން އަމަލުކުރި ގޮތް ކިޔައިދީފައެވެ.

އަމްރު ވިދާޅުވީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ވުޖޫދުވުމުގެ ކުރިންވެސް، އެ ސިޔާސަތުތަކާ ފިކުރަކީ ޅަ އުމުރުއްސުރެ އެއަށް ފަރިތަ، ސާފުކޮށް ފަހުމްވެފަވާ، ފުރިހަމައަށް ގަބޫލުކުރި ސިޔާސަތާ ފިކުރުކަމަށެވެ. 2010 އިން ފެށިގެން އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށް، 2015 އިން ފެށިގެން ސިޔާސަތު ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން މަސައްކަތްކުރީ އެންމެ ފުރިހަމައަށް އެމްޑީޕީގެ ވިސްނުމާ ތަސައްވަރާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކޮށް ފަރުމާކުރުމަށް ކަމުގައެވެ.

އަމްރު ވިދާޅުވީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތްކޮށް، އއ.އުކުޅަހުގަ ބޭއްވުނު ކޮންގްރެސްގައި މެނިފެސްޓޯ ފާސްކޮށްފައިކަމަށެވެ. ކޮންގްރެސްއަށް އެ މެނިފެސްޓޯ ހުށަހެޅީ އޭނާކަމަށް އަމްރު ވިދާޅުވިއެވެ. އަދި ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ލިބިފައިވާ ޕާޓީގެ ޓިކެޓް ރައީސް މުހައްމަދު ނަޝީދަށް ކުރުމަތި ނުލެވިދާނެކަމަށް ބައެއް ބޭފުޅުންނަށް ފެނިވަޑައިގަތުމާ ގުޅިގެން އެ ކޮންގްރެސްއިން މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓް ދެވުނުކަމަށެވެ.

ޓިކެޓާއެކީ ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ މައްޗަށް ތައްޔާރުކުރެވިފައިވާ މެނިފެސްޓޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރެވުނު. އަދި އެ މެނިފެސްޓޯގައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއްބަސްވެވުނެ. އަޅުގަނޑަށް ޕާޓީގެ ސިޔާސަތެއް އޭރުވެސް މިހާރުވެސް އޮޅިފައެއް ނުވެއެވެ. އަދި އަޅުގަނޑު ގަބޫލުނުކުރާ، އިންކާރުކުރާ ޕާޓީގެ ސިޔާސަތެއްވެސް ނެތް.

– އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރިޔާސީ އިންތިޚާބުގަ ވާދަކުރުމަށް ހެދުނު ކޯލިޝަންގެ ޖޮއިންޓް މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ގުޅިފާވާ ޕާޓީތަކުގެ މަންދޫބުންނާ އެކު ކުރިއިރު، އެމަސައްކަތުގަވެސް ބެލީ އެމްޑީޕީގެ ސިޔާސަތުތައް ދަމަހައްޓާ، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ އަސާސްތައް ނުގެއްލޭނެ ފަދަ ގޮތަކަށް އެފަރާތްތައް އެއްބަސްވާ މެނިފެސްޓޯއެއް އެކުލަވަލާލުމަށް ކަމަށެވެ. 2018 ވަނަ އަހުރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓް ކާމިޔާބުކުރުމާ ގުޅިގެން، ސަރުކާރުގެ ފުރަތަމަ 100 ދުވަހު ހިންގާނެ ސިޔާސަތުތަކާ ފުރަތަމަ އަހަރު ހިންގާނެ ސިޔާސަތުތައް ވެސް ތަފްސީލުކުރެވި ވަޒީރުންނާ ހަވާލުކުރެވުނު ކަމަށެވެ.

2018 ގެ ނޮވެންބަރު މަހު އަޅުގަޑު އެސްޓީއޯ އާއި ހަވާލުވީވެސް ހަމަ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް. އެގޮތުން މަސްވެރިކަމުގެ ސިނާއަތު ކުރިއެވުމަށާ، ދަނޑުވެރިކަން ކުރިއެރުމުށާ، ރާއްޖެ އެތެރެކުރެވޭ މުދަލުގެ އަގު ހެޔޮކުރުމަށާ، ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމަށާ، ޓެކްނޮލޮޖީގެ ރޮގުން ރާއްޖެ ކުރިއެރުވުމަށާ، ކާނާގެ ޔަގީންކަން ހޯދުމަށާ، ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ. އަދި ރާއްޖެއަށް އިތުރަށް ބޭރު ފައިސާ ވަންނާނެ މަގުތައް ހޯދުމަށް ދިޔައީ މަސައްކަތް ކުރެވެމުން. އަޅުގަޑުގެ ބޭނުމަކަށްވީ ރާއްޖޭގެ އިޤްތިސާދު ވަރަށް ހަލުވު ދުވެއްޔެއްގަ ކުރިއަރާ ރައްޔިތުން ތަނަވަސް ދިރިއުޅުމެއް އުޅެމުންދާތަން 5 އަހަރު ތެރޭ ފެނިގެން ދިޔުން.

– އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލާ ވަކި ސިޔާސަތެއް އަމާޒެއްނެތި ކަންކަން ކުރަމުން ގެންދިޔުމުގެ ސަބަބުން ބޮޑެތި މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ މައްސަލަތައް ވަނީ މި 4 އަހަރު ކުރިމަތިވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން، ވެރިކަމުގެ 5 ވަނަ އަހަރާ ކުރިމަތިލީ ވަގުތު ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަންޖެހި ތަކެތީގެ އަގު ބޮޑުވެއްޖެކަމަށާއި، އަދި ޓޫރިސްޓުން އަތުން ނަގާ ޓެކްސް ކުރިޔާލާ އެންގުމެއްނެތި ނަގަން ފެށުމުން ޓޫރިސްޓް ވިޔަފާރިކުރާ ފަރާތްކަށްވެސް ބޮޑެތި ފޫނުބެއްދޭވަރުގެ ގެއްލުން ވެގެންދިޔަ ކަމަށެވެ.

ހަމަ މިއާއިއެކު މަސްވެރިކަމުގެ ސިޔާސަތުތައް މެނިފެސްޓޯގަ ލިޔެވިފަ އޮއްވާ ކުއްލިޔަކަށް މަސްވެރިން އަތުން މަސް ގަންނަ އަގު ދައްކުރުމުގެ ސަބަބުން މަސްވެރި އެތައް އާއިލާއަކަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުން ކަމަށާއި، ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އިސްރާފު ބޮޑުވުމުގެ ސަބަބުންނާ، ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ނުބެލުމުގެ ސަބަބުން ޕްރޮޖެކްޓްތައް ލަސްވެ، މަސައްކަތާ ނުބައްދަލު ބޮޑެތި ޚަރަދުތައް ކުރަންޖެހުމުންނާ، ޕްލޭނެއް ނެތި ޕްރޮޖެކްޓް ހިންގުމުން ސަރުކާރު ބަޖެޓްގަ ފައިސާ މަދުވެ، ކޮންމެހެން ކުރަންޖެހޭ ގިނަކަންކަން ދޫކޮށްލާ، އެތައް ފަހަރެއްގެ މަތިން މިދިޔަ 4 އަހަރު ވަނީ ބޮޑު އަގުގަ ދަރަންޏަށް ފައިސާ ނަގާފައި ކަމަށެވެ. ބަޖެޓުން ފައިސާ ދީގެން ހިންގާ ސަރުކާރުގެ ކުންފުނިތައް ނުބެލެހެއްޓުމުގެ ސަބަބުން މިއަދު އެ ކުންފުނިތައް ވަނީ އާންމު އެތައް ވިޔަފާރިތަކަކަށް ދަރާ ބަނގުރޫޓު ވުމުގެ މަގުމަތީގައިކަމަށް އަމްރު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ނައުމުގެ ނަތީޖާއަކީ ވެރިކަމާ، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އޮވެ 5 އަހަރުގެ ވެރިކަމެއް ނިމޭއިރު ކޯލިޝަނަކާ ނުލާ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ޤަބޫލުކުރެވުމާ، ބައިއިލެކްޝަންތަކުގަ މުޅި ސަރުކާރު ބަޖެޓް ހުސްވާވަރަށް ޚަރަދުކޮށް މަތިމައްޗަށް ކުއްލިޔަކަށް އެ ދާއިރާއަކަށް ޕްރޮޖެކްޓްތައް ހިންގަން ފަށަންޖެހުމާ، ރަށު އެންމެނަށް ސަރުކާރު ކުންފުނިން ވަޒީފާ ދޭންޖެހުމަކީ ސަރުކާރަށް ރައްޔިތުން ތާއީދު ނުކުރާކަށް ދޭހަވާ އަލިގަދަ ހެއްކެއް.

– އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ކުރި އިތުބާރު މިވަގުތު ގެއްލިގެން ގޮސްފަވާތީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ޕާޓީއަށް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެމްޑީޕީއަށް ވަފާތެރި އެތައް ބައެއް ޕާޓީއާ މިއަދު ފެއަށް ޖެހިފައިވަނީ ޕާޓީގެ ސިޔާސަތު އޮޅިގެންނެއް ނޫން ކަމަށާއި، ނުވަތަ ގަބޫލުނުކުރާތީއެއް ނޫން ކަމަށެވެ. މިއަދު އެމްޑީޕީގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން، އެމްޑީޕީއިން ދެކޭ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދެމި ހުންނާނެކަމަށް ރައީސް ނަޝީދާއިއެކު ފިކުރެއްގެ ދިރުމުގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އަމްރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *