އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުން ގެންދާތީ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާ ތަން ކަމަށެވެ.
އެ ގޮތުން އަމީނީމަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަން ވެސް މޭޔަރުގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. ގަސްތައް ކަނޑާތީ އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ.
ނަޝީދުގެ ފަރާތުން އެދިވަޑައިގަތީ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަމީނީ މަގު ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެދީފައެއް ނުވެއެވެ.