ފްރާންސް ލީގުގައި ރޭ ބޯޑެކްސްއާ ވާދަކޮށް ޕީއެސްޖީ އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފީއެސްޖީ އެއްވަރުވީ 2-2 ލަނޑުންނެވެ.
ދަށްކުޅުމެއް ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޯޑެކްސް އިންނެވެ. މިއީ މެޗުގެ 10 ވަނަ މިނެޓުގައި ޕީއެސްޖީގެ ޓިމޮތީ ޕެމްބެލޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ލިބުނު ޕެނަލްޓީއެއްގައި ނޭމާ ވަނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ އެއް މިނެޓު ފަހުން މޮއިސް ކީން ވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ލީޑު ނަގައި ދީފައެވެ. ބޯޑެކްސް އިން މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރީ ޔާސިން އަޑްލީ ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުން އެއްވަރުވި ނަމަވެސް އަދިވެސް ޕީއެސްޖީ އޮތީ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ކުޅުނު ބާރަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ލިލް އޮތީ އެއް މެޗު މަދުންކުޅެ 22 ޕޮއިންޓާއެކުއެވެ.