ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް)ގެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.
ދަގަނޑޭ އަކީ ސަސްގެ ހިއްސާ ބޮޑު އެއް ފަރާތެވެ. އަންނަ އަންގާރަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާއިރު، ސަސްއިން ވަނީ އެ މުބާރާތައް ކޯޗު އިސްމާއިލް މަޙްފޫޒް (އިންމަ) އާއެކު ފަރިތަކުރުންތައް ފަށައިފައެވެ. މި ފަރިތަކުރުންތަކުގައި ހުކުރު ދުވަހުގެރެއިން ފެށިގެން ދަގަނޑޭ އަންނަނީ ބައިވެރިވަމުންނެވެ.
ދަގަނޑޭ ސަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި މިވަނީ، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބް ނިއު ރޭޑިއަންޓަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. ދަގަނޑޭގެ އިތުރުން ސަސްގެ ފަރިތަކުރުންތަކުން ކުރިންވެސް އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. އަދި މިފަހަރުވެސް ޓީމަށް އިރުޝާދު ދޭނީ މިދިޔަ ސީޒަނުގައިވެސް އެޓީމަށް އިރުޝާދު ދިން އިސްމާއީލް މަހެފޫޒް (އިންމަ)އެވެ.
ދަގަނޑޭ މިފަހަރު ސީޒަނަށް ނުކުންނަން ތައްޔާރުވަނީ އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ނުކުޅެ ހުރުމަށްފަހުއެވެ. ނިމިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާއަށް ދަގަނޑޭ ކުޅުނު ނަމަވެސް، އޭގެ ފަހުން ކަކުލުގެ އަނިޔާއެއްގެ ސަބަބުން ދަގަނޑޭ ހުރީ ކުޅުމާ ދުރުގައެވެ. ދަގަނޑޭ، ސީޒަނުގައި އެއްކޮށް ކަހަލަ ގޮތަކަށް ނުކުޅެ ހުރި އިރު، ފިޓްނަސް ލެވަލް ރަނގަޅުކުރަން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވާ ޓީމު، މެރަތަން ރަނާސްއާ ގުޅި، ތަމްރީނުތައް ހަދާފައިވެއެވެ. އޭގެ ފަހުން ބައެއް ރަށްރަށުގެ މުބާރާތްތަކުގައިވެސް ދަގަނޑޭ ކުޅެފައިވެއެވެ.
އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ކުލަބަކަށް ދަގަނޑޭ ކުޅުނީ ކުލަބް ވެލެންސިއާއަށެވެ. ސަސްގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާއިރު، އޭނާގެ އިތުރުން ސަސްއިން މިދިޔަ ސީޒަނުގައި ފެނުނު ގިނަ ކުޅުންތެރިން އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ