މިއަދު މިގެެނެސް ދެނީ ތަފާތު ވައްތަރެއްގެ ރިހަ ގަނޑެއް ކައްކާނެ ގޮތެވެ. ގެރިއަކީ ވަރަށް ގިނަ ބަޔަކު އާންމު ދިރިއުޅުމުގައި ވެސް ކައި އުޅޭ އެއްޗެކެވެ. މިއަދު މި ގެނެސްދެނީ ގެރިމަހުގައި ހިކި ރިހަ ތައްޔާރު ކުރާނެ ގޮތެވެ.
މިއީ ރޯދަ ވިއްލާ ގަޑިގައި ރޮއްޓާ އެކުގައި އަދި ހާރު ދަމުގައި ބަތާއި އެކުގައިވެސް ކެވިދާނެ ބާވަތެކެވެ. މި ރޯދަ މަހު މި ރިހަނގަޑު އަޖުމަ ބަލައިލާށެވެ.
ބޭނުން ވާނެ ތަކެތި:
600 ގުރާމު ގެރި މަސް (ކޮށާފައި)
1 ފިޔާ (ބޮޑު)
1 ސައިސަމުސާ ލޮނުމެދު (ގާނާފައި)
1 ސައިސަމުސާ އިނގުރު (ގާނާފައި)
½ ސައިސަމުސާ އަސޭމިރުސް (މުގުރި)
½ ސައިސަމުސާ ރީނދޫ
½ ސައިސަމުސާ ދިރި (މުގުރި)
½ ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި
1 ޖޯޑު ކާށި ކިރު
1 މޭޒުމަތީސަމުސާ މަސްޓަޑު އޮއިލް
1 މޭޒުމަތީސަމުސާ ކުކިން އޮއިލް
2 މޭޒުމަތީސަމުސާ ލުނބޯ ހުތް
1 ޓޮމާޓޯ (ކޮށާފައި)
4 ސައިސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު)
ހިކަނދިފަތް، ގިތެޔޮ މިރުސް ނުވަތަ ތޮޅި މިރުސް، ރާނބާފަތް، ލޮނު
ތައްޔާރު ކުރާނެ ގޮތް:
ކޮށާފައި ހުރި ގެރި މަހުގެ ތެރެއަށް ރީނދޫ، ލުނބޯ ހުތް، 1 ސައިސަމުސާ ހަވާދު، ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު، އެއްކޮށްފައި، ރަނގަޅަށް މަތި ޖަހާފައި ދިހަ މިނެޓު ވަންދެން ބަހައްޓާށެވެ. ދެން މަސްޓަޑު އޮއިލް، ކުކިން އޮއިލް އެއްކޮށްފައި، އޭގެ ތެރޭގައި ފިޔާ މީރު ކޮށްފައި، އޭގެ ތެރެއަށް އިނގުރާއި، ލޮނުމެދު އަޅައިލާށެވެ. އެ އަށް ފަހު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ނަގާށެވެ.
ބާކީ ހުރި ބައިގެ ތެރެއަށް ގެރިމަސް އެޅުމަށް ފަހު، ބައި ޖޯޑު ހޫނު ފެން އަޅައިގެން، އެއްކުރަމުން ކައްކައިލާށެވެ. އެ އިން ނުކުންނަ ފެނުން އެ ކެކި، ރަނގަޅަށް މަޑު ވީމައި، ހަވާދު، ބައި ޖޯޑު ފެން، ރާނބާފަތް، ބައި ޖޯޑު ކާށި ކިރު އަޅައިލާށެވެ. ރަނގަޅަށް ހަވާދުކޮޅު ރޯ ފިލީމައި، ކުރިން ނެގި ފިޔާކޮޅުގެ ތެރެއަށް އަސޭމިރުސް، ދިރި، ފޮނިތޮށި ކާފޫރުތޮޅި، ޓޮމާޓޯ، (ބޭނުން ނަމަ ގިތެޔޮ މިރުސް) އެޅުމަށް ފަހު، ބާކީ ހުރި ކާށި ކިރު ފޮދު އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ހިކަނދިފަތް އަޅާފައި، ލޮނު ހެޔޮވަރު ކޮށްލާށެެވެ. މިހާރު މި ރިހަ ހުންނާނީ ތައްޔާރުވެފައިއެވެ.