ރާއްޖެއަށް މި ރަމަޟާން މަހު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ފިޔާ އަދި ކުކުޅުބިސް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ މާރޗް މަހު ވަނީ 93،011 ޓަނުގެ ބިސް ކްލިއާ ކޮށްފައެވެ. ފެބްރުވަރީ މަހު އެ ކުންފުނިން ކްލިއާ ކޮށްފައިވަނީ 59،297 ޓަނުގެ ބިހެވެ. އެހެންކަމުން، ފެބްރުއަރީ މަހަށްވުރެ، މާރިޗު މަހު މި ވަނީ ބިސް އެތެރެކުރި މިންވަރު 57 އިންސައްތަ އިތުރުވެފައެވެ.
މާރިޗު މަހު އެމްޕީއެލްއިން އެތެރެކުރީ 63،949 ޓަނުގެ ފިޔަލެވެ. އެއީ ފެބްރުވަރީ މަހާ އަޅާބަލާއިރު 33 އިންސައްތަ އިތުރު އަދަދެކެވެ. ފެބްރުވަރީ މަހު އެ ކުންފުނިން ކްލިއާ ކޮށްފައިވަނީ 48170 ޓަނުގެ ފިޔަލެވެ.
ފިޔަލާއި ބިހުގެ އިތުރުން ވެސް ބައެއް އެހެން ބާވަތްތައް ވެސް އެތެރެކުރާ މިންވަރު ވަނީ ރޯދަ މަހަށް އިތުރުވެފައެވެ. އެ ގޮތުން ފެބްރުވަރީ މަހާ އަޅާބަލާއިރު އަލުވި އެތެރެކުރި މިންވަރު ވެސް މާރޗް މަހު ވަނީ 27 އިންސައްތަ އިތުރުވެފައެވެ. އަދި ކަރާ އެތެރެކުރި މިންވަރު 21 އިންސައްތަ އިތުރުވެފައިވާއިރު، ދޮންކެޔޮ އެތެރެކުރި މިންވަރު ވެސް ވަނީ 27 އިންސައްތަ އިތުރުވެފައވެވެ.
ސަރުކާރު ކުންފުނި އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށްގެން ހެޔޮ އަގުގައި މި ބާވަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. ފިޔާ ކިލޯއެއް އެ ކުންފުނިން 9 ރުފިޔާއަށް ވިއްކާއިރު، ބިހެއް ވިއްކަނީ 1.75 ލާރި އަށެވެ.
ކޮމެންޓު ފޮނުވާ