މަދު މެމްބަރުންތަކެެއް ސަރުކާރާއި ދެކޮޅުވި ނަމަވެސް ސަރުކާރު މަސައްކަތްތައް ދާނީ ކުރިއަށް

މަދު މެމްބަރުންތަކެެއް ސަރުކާރާއި ދެކޮޅުވި ނަމަވެސް ސަރުކާރު މަސައްކަތްތައް ދާނީ ކުރިއަށް

Author
އަޒްފާ ރަޝީދު
06 އޭޕްރިލް 2023 06:50
0

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި، މަދު މެމްބަރުންތަކެެއް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރު މަސައްކަތްތައް ދާނީ ކުރިއަށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިޢުވާން ވިދާޅުވީ، މަޖިލީހުގެ އެއްބާރުލުމާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާނެކަމަށާއި، މަޖިލީހުގެ މަދު މެމްބަރުންކޮޅެއް ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި، އެމަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ކެމްޕޭންތަކުގައި ވެސް ބައެއް އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުން ނުފެންނަ ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރަނީ އެމްޑީޕީގެ މެމްބަރެއް ކަމަށް ވިދާޅުވިއެވެ. މިއުވާން އެ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނަށެވެ.

"މިހާރު ވެސް ސަރުކާރު ހިގަމުންދާއިރު އެމްޑީޕީގެ ފަރާތުން ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައި ބޭފުޅުން މި ބޭފުޅެއްގައި ކެމްޕޭންގައި ވެސް ވަރަށް ބުރަކޮށް ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުން ވެސް ހަމަ ދަނީ މަސައްކަތް ކުރައްވަމުން. ސަރުކާރު ހިންގަވަމުން ހުރިހާ ކަމެއް ކުރައްވަމުން މިގެންދަވަނީ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން އަޅުގަނޑުމެންނަށް ކެމްޕޭންގެ ތެރެއިން މާބޮޑަށް ނުފެނޭ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓް ނުކުމެ ވަޑައިގެން އުޅުއްވަނީ. އެބޭފުޅުންގެ މަސައްކަތުގެ ސަބަބުން ސަރުކާރުގެ ހިންގުމަކަށް ނުވަތަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތައް ސްޕީޑަކަށް ބަދަލެއް ނާންނާނެ". މިޢުވާން ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރެއްވުމާއި އެކު ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ " ފިކުރެއްގެ ދިރުން" ނަމުގައި ވަކިން މަސައްކަތް ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.