އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 5-1 އިން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް ލީގުގެ ތިން ވަނަ މަގާމު ދެމެހައްޓައިފިއެވެ.
ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނިއުކާސަލް އިން ލީޑުނެގީ ކަލުމް ވިލްސަން ޖެހި ގޯލުންނެވެ. އޭގެ ފަހުން މާގިނައިރެ އްނުވެ، ނިއުކާސަލް އަށް ޖޮއެލިންޓަން ވަނީ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާޓް ޒޫމާ ވަނީ ވެސްޓް ހޭމަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފައެވެ.
ނިއުކާސަލް ހަމަޖެހިލައިގެން ކުޅެ ދެ ވަނަ ހާފުގައި އިތުރު ތިން ގޯލު ޖަހައި، ރަނގަޅު މޮޅެއް ހޯދިއެވެ. އެ ގޮތުން، ވިލްސަން އާއި ޖޮއެލިންޓަން ކޮންމެ ކުޅުންތެރިއަކު އިތުރު ގޯލެއް ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އަލެކްސަންޑަ އިސާކްއެވެ. އިސާކްގެ ގޯލަކީ ވެސްޓް ހޭމްގެ ކީޕަރު، ލޫކަސް ފަބިއާންސްކީ ހެދި ގޯހަކުން ޖެހި ގޯލެކެވެ.
މިކާމިޔާބީއާއެކު ނިއުކާސްލް މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެއީ ހަތަރު ވަނައަށް މިހާރު އަރާފައިވާ މެންޗެސްޓަރ ޔުނައިޓެޑާއި އެއް ވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. މިމެޗުން ބަލިވުމުން ވެސްޓް ހޭމް އުޅެނީ 27 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.