ހައްޖަށް މީހުން ގެންދިއުމަށް ބިޑްކުރި ކުރީގެ ބީލަންތައް ބާތިލްކޮށް އަލުން ބިޑު ކުރުމަށް ހުޅުވާލައިފި

ހައްޖަށް މީހުން ގެންދިއުމަށް ބިޑްކުރި ކުރީގެ ބީލަންތައް ބާތިލްކޮށް އަލުން ބިޑު ކުރުމަށް ހުޅުވާލައިފި

Author
އަޒްފާ ރަޝީދު
05 އޭޕްރިލް 2023 08:09
0

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ހުށަހަޅާފައިވާ ބިޑްތައް ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 11 ކުންފުންޏަކުން ބީލަން ހުށަހެޅި އެވެ. މިނިސްޓްރީން ބީލަންތައް ބާތިލްކުރީ އެއީ ހިދުމަތަށް އެކަށީގެން ނުވާ އަގުތަކެއް ކަމަށް ބުނުމަށްފަހު އެވެ. އަދި ޕްރޮޕޯސަލްތައް ހުށަހެޅިއިރު ފުރިހަމަކުރަން ޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ފުރަތަމަ ހުޅުވާލި މުއްދަތުގައި ބޮލަކަށް ހިދުމަތް ދެވޭނެ ވަކި އަގެއް ކަނޑައަޅާ ބުނެފައެއް ނުވެ އެވެ. ނަމަވެސް އަލުން ޕްރޮޕޯސަލް ހުށަހަޅާއިރު ބޮލަކަށް 75،000 ރުފިޔާ އާއި 95،000 ރުފިޔާއާއި ދެމެދުގެ އަގެއް ޖެހުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިސްލާމިކް މިނިސްޓްރީން އަލުން ކުރި އިއުލާންގައި ބިޑް ހުށަހަޅާއިރު ހިމަނަންވީ އަގު ބުނުން ފިޔަވާ ކުރީގެ އިއުލާނަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެެވެ.

އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަން ފިޔަވާ އަމިއްލަ ތިން ކުންފުންޏަކަށް ހުއްދަ ދޭނެ ކަމަށެވެ. ހުއްދަ ލިބޭ އަމިއްލަ ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ލިބޭނެ އެވެ.

ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ކޯޓާކަމަށްވާއިރު، އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.