ޖުމުހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު އެމްއެންޕީއަށްވުރެ ދަށަށް

ޖުމުހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު އެމްއެންޕީއަށްވުރެ ދަށަށް

Author
ހުސެއިން
05 އޭޕްރިލް 2023 06:58
0

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއެކު ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި އެ ޕާޓީ އިސް ބައެއް މެމްބަރުން ޕާޓީން ވަކިވަމުން ދާއިރު، ޖުމުހޫރީ ޕާޓީގެ މަޖިލިސް މެމްބަރަކުވެސް އެޕާޓީން ވަކިވެ، ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު، އެންމެ ފަހުން ރަޖިސްޓްރީކުރި އެމްއެންޕީއަށް ވުރެ ދަށަށް ހިގައްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ ގޮނޑިއަށް ޖޭޕީގެ ޓިކެޓުގައި އިންތިޚާބުވި މެމްބަރު އަލީ ހަމީދު ވަނީ މި ހަފްތާގައި ޖޭޕީން ވަކިވެ ވެރިކަންކުރާ އެމްޑީޕީއަށް ސޮއި ކޮށްފައެވެ. އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރުމާއެކު ޖޭޕީގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވީ އެޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމްއާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ.

މިގޮތުން ޖޭޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 2 އަށް ތިރިވެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީކުރި އެމްއެންޕީގެ މަޖިލިސް މެމްބަރުންގެ ގޮތުގައި 3 މެމްބަރަކު މިހާރު ތިއްބަވައެވެ. އެއީ އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްއާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒުއާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ކޮމްޕޮޒިޝަނަށް ބަލާއިރު، މަޖިލިހުގައި އެންމެ މަދުން މެމްބަރުން ތިބި ދެޕާޓީއަކީ ޖޭޕީއާއި އެމްޑީއޭއެވެ. އެމްޑީއޭގެ މެމްބަރުންގެ ގޮތުގައި ތިބެނީ އެޕާޓީގެ ރައީސް، މީދޫ ދާއިރާގެ މެމްބަރު ސިޔާމްއާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ.

ޖޭޕީގެ ލީޑަރު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިނުމާއެކު އެޕާޓީން ވަކިވެފައިވާ މެމްބަރުންގެ ތެރޭގައި، އިސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހަމީދުގެ އިތުރުން، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.