އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓު އަދި އެޕާޓީގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) އަށް ސިޔާސީ ޕޯޑިއަމެއްގައި ހަޖޫ ޖެއްސެވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ނޫންކަމަށާއި، އެހެންކަމުން އެކަމާއި ގުޅޭގޮތުން މެމްބަރުންނަށް މަޖިލިސް ފްލޯގައި އެކަމަނާއާއި ސުވާލު ނުކުރެއްވޭނެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް މިއަދު މާރިޔާއާއި ސުވާލު ކުރައްވާފައިވަނީ، ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އެމްއެންޑީއެފްގެ ބޭފުޅުންނަށް ކުޑައިމްސް ކުރެއްވުމަކީ މާފަށް އެދިވަޑައިގެންނަވަން ޖެހޭކަމެއް ކަމަށް ދެކެވަޑައި ނުގަންނަވަންތޯއާއި އަދި މާލޭ އެންމެ ބައިބޯ ހިސާބުގައި މަޖިލިސް ރައީސަށް ދެވުނު ހަމަލާއަކީ މާރިޔާގެ ފެއިލްވުމެއް ކަމަށް ދެކެވަޑައި ނުގަންނަވަންތޯއެވެ.
ޝިޔާމްގެ ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެކަމަނާ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނީ ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމަށް ކަމަށާއި، އެހެންކަމުން ޝިޔާމްގެ ފުރަތަަ ސުވާލަކީ މަޖިލިހުގެ ގާވާއިދުގައި ވާގޮތުން އެކަމަނާއާއި ކުރެއްވޭނެ ސުވާލެއް ނޫން ކަމުގައެވެ.
އެހެންކަމުން އަޅުގަޑު ދިފާއީ ވަޒީރުގެ ހައިސިއްޔަތުން އިއްޒަތްތެރި މެމްބަރުގެ ސުވާލުގައި ތިޔަ ވިދާޅުވާފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ.
ޕީޕީއެމްގެ އެކްޓިވިސްޓެއްކަމަށް ސަމަދަށް ނިސްބަތްކޮށް މާރިޔާ ހަޖޫ ޖެއްސެވީ ދިފާއީ ވަޒީރުގެ ހައިސިއްޔަތުން ނޫންކަމަށް ވިދާޅުވަމުން މާރިޔާ ވިދާޅުވއެވެ.
އާއިލާގެ މީހުންނާއެކު އިންޑިއާއަށް ބޭސް ފަރުވާއަކަށް ގޮސް ހުއްޓާ، އެގައުމުގެ އިމިގްރޭޝަނުން ހައްޔަރުކޮށް ފާއިތުވި ފެބްރުއަރީމަހު ޑީޕޯޓު ކޮށްލާފައިވާ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) އިންޑިއާގައި ހައްޔަރު ކޮށްފައި ބަހައްޓާފައި ހުރީ ފިނި ކޮޓަރިއެއްގައި ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ރައީސް ސާލިހަށް އެރުވުމަށް، ކާނިވާ ސަރަހައްދުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެޖަލްސާގައި ވަހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އަވައްޓެރި އިނޑިއާގެ މިލިޓަރީއާއި ދިމާލަށް ގޮންޖައްސަވާ ވާހަކަ ދެއްކުމަށްފަހު ސަމަދު އިންޑިއާއަށް ދިޔައީ ތުނބުލީ ބާލައިގެން، ތައްޔާރު ވެލައިގެން އާއިލާއެކީ ކަމަށެވެ. އަދި މާރިޔާ ވިދާޅުވީ، އިންޑިއާއަށް ސަމަދު ދިއުމަށްފަހު ދެން ފެނިގެންދިޔައީ އެނބުރި ރާއްޖެ އައިތަން ކަމަށާއި، ދެން ފެނިގެން ދިޔައީ ކެމެރާ ކުރިމަތީގައި މޫނުގައި އަތް އަޅުއްވާ "ކީރިތި" ކުރައްވަން ފެއްޓިތަން ކަމުގައެވެ.
ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާ ފުލުހުންގެ ތެރޭގައޭ. ދިދަ ހިތްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދެކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނިކޮޓަރިއެއްގައި. އެކަމަކު އަބުރާ ވަޑައިގެންނެނީ ކީރިތިފުޅު ކުރައްވަމުން. މިވަރު މީހުން މިނުކުމެ އުޅެނީ.
އިންޑިއާއިން ހައްޔަރުކޮށް އަދި 4 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އެގައުމުން ޑީޕޯޓު ކޮށްލާފައިވާ ސަމަދަށް މަލާމާތް ކުރައްވާ ހަޖޫ ޖައްސަވަމުން މާރިޔާ ވިދާޅުވެފައި ވެއެވެ.
ސަމަދު އިންޑިއާއިން ހައްޔަރުކޮށް ފިނި ކޮޓަރިއެއްގައި ބެހެއްޓިކަމަށް މާރިޔާ ވިދާޅުވި ނަމަވެސް، އިންޑިއާއިން ޑީޕޯޓު ކޮށްލުމަށްފަހު މާލެއައިސް ސަމަދު ބުނެފައިވަނީ ހައްޔަރު ކުރުމަށްފަހު އޭނާ ބާއްވާފައި އޮތީ ގަދަ ފިނީގައި ކަމަށާއި، ފިނިން ސަލާމަތްވާނެ އެއްވެސް ފަދައެއްވެސް ނެތި ކަމަށެވެ. އަދި އޭނާއަށް ގައިގަ އޮޅާލާނެ ރަޖައެއްވެސް ލިބުނީ ކަސްޓަޑީގަ އޮތް އެފްރިކާ މީހަކު ފުރައިގެން ދިއުމުން ކަމަށާއި، ހިތުގެ ބައްޔާއި، ކޮލެސްޓްރޯލްއާއި ލޭމައްޗަށް ދިއުމުގެ މައްސަލަވެސް ހުންނައިރި، ބޭސް ނުކެވި 4 ދުވަސް ފާއިތުވެގެން ގޮސްފައިވާކަމަށްވެސް ސަމަދު ބުނެފައި ވެއެވެ.
ސަމަދުއަކީ ކުރިން އެމްއެންޑިއެފްގައި އުޅުއްވި ބޭފުޅެކެވެ. މާރިޔާ ސިޔާސީ ޖަލްސާއެއްގައި ސަމަދަށް ހޖޫ ޖެއްސެވުމުން ގިނަބައެއް ފާޑުކިޔުން މާރިޔާއަށް އަމާޒުވެގެން ދިޔައެވެ.
ކޮމެންޓު ފޮނުވާ