ތަފާތު ކޭކު ތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއަދު މިގެނެސްދެނީ ޗިޕްސްމޯ އައިސް ކްރީމް ކޭކް ތައްޔާރު ކުރާނެ ގޮތެވެ. މީ ނޯ ބޭކް ކޭކްއެކެވެ. އެހެން ކަމުން އަވަނެއްގެ ބޭނުންމެއް ނުވާނެއެވެ.
މި އައިސްކްރީމް ހިމެނޭ ކޭކެއް ކަމުން ބޭނުން ވައްތަރެއްގެ އައިސް ކްރީމް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ރެސިޕީ ގައި މި ކިޔައިލަދެނީ ޗިޕްސްމޯ އާއި އެންމެ ރަނގަޅު ކޮމްބިނޭޝަންއެވެ.
ބޭނުން ވާނެ ތަކެތި:
1 ޕެކެޓް ޗިޕްސްމޯ (ބޮޑު)
ވިޕިން ކްރީމް (ވިޕް ކޮށްފައި)
ވެނީލާ އައިސްކްރީމް
1 ޖޯޑު ކިރު ފުލް ކްރީމް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކިރުކޮޅުގެ ތެރެއަށް ޗިޕްސްމޯ ބިސްކޯދު ލައި ފޯކޮށްލުމަށްފަހު ޓްރޭއެއްގައި އަތުރާލާށެވެ. ބިއްލޫރި ނުވަތަ ފަސޭހައިން ނައްޓައިލެވޭފަދަ ޓްރޭއެއް ގައި ބިސްކޯދު ކޮޅު އަތުރަން ހަދާން ކުރާށެވެ. ޓްރޭގެ ފޫ ފޮރުވޭ ވަރަށް ބިސްކޯދު އަތުރައިލަން ވާނެއެވެ. ދެން އެއަށް ފަހު ބިސްކޯދު ލޭއާގެ މައްޗަށް އައިސް ކްރީމް ލޭއާއެއް އަޅައިލާށެވެ. ދެން އެންމެ މައްޗަށް ވިޕިން ކްރީމް އަޅައި އެއްވަރު ކޮށްލާށެވެ. އެންމެ ފަހުން ޗިޕްސްމޯ ބިސްކޯދު ފުނޑު ފުނޑު ކޮށްލުމަށްފަހު މައްޗަށް ބުރުވާލާށެވެ. އެއަށް ފަހު ދެ ގަޑިއިރަށް އައިސް އަލަމާރީ ގަނޑުކުރާ ބައިގައި ބައިންދާ ށެވެ.

ކޮމެންޓު ފޮނުވާ