އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ސައުދީ އަރަބިއާއަށް ދާ ދިވެހިން އެ ގައުމުން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މި މާތް މައްސަރު އުމްރާ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ދާ ދުވަސްވަރަކަށް ވާތީ، ސައުދީ ސަރުކާރުން ވަނީ ރަމަޟާންމަހު އުމްރާވެރިންނަށް އުމްރާ ތަކުރާރުކުރުމުގެ ހުއްދަ ނުދޭން ނިންމާފައެވެ.
އަދި، އުމްރާ ކުރުމުގެ ހައްގު ލިބޭނީ އެއް ފަހަރުކަން ހާމަކޮށް އުމްރާގެ އަޅުކަމުގެ އުޅޭއިރު ފޮޓޯ ނެގުންފަދަ، އަޅުކަމާ ނުގުޅޭ ޢަމަލުތައް ނުކުރުމަށް ވެސް ސައުދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ސައުދީން އެކުލަވާލާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުމްރާގެ އަޅުކަން އަދާކުރާ އެންމެހައި ޢުމްރާވެރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން "ތަވައްކަލްނާ" އަދި "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ގެފުޅުގެ ވަށައިގެން ތަވާފުކުރާ ސަރަޙައްދާއި، ފަހުދު ރަސްގެފާނު ދޮރާށިކޮޅާއި، އުމްރާ ދޮރާށިކޮޅާއި، ޢަބްދުލް ޢަޒީޒް ރަސްގެފާނު ދޮރާށިކޮޅާއި، އައްސަލާމް ދޮރާށިކޮޅާއި އަދި މަރުވާ ދޮރާށިކޮޅު، އެންމެހައި ޢުމްރާކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި، ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއާއި ސައުދީގެ ރިޔާސަތުން ޙަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫއުގެ ތެރެއިން އަލަށް އިމާރާތް ކޮށްފައިވާ ތިންވަނަ ފަންގިފިލާއާއި، ޙަރަމްފުޅުގެ ބޭރުގައިވާ މިސްކިތުގެ ޚާއްސަ ސަރަހައްދުތަކާއި، ޖަބަލުލް ކައުބާއާއި އައްޝުބައިކާގެ މަގުތައް ނަމާދުކުރާ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭމީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑު ގައި ހަމަޖެހިފައިވާ ކަމަށާއި، އުމްރާގެ އަޅުކަމުގެ ރޫޙާ ޚިލާފު ކަންކަން ހިނގާނަމަ، ކަމާބެހޭ ފަރާތްތަކުން އެ ކަންކަމަށް ފަރުވާތެރިވެ އެކަންކަމާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ވަނީ ގެފުޅަށް ޒިޔާރަތް ކުރާ އުމްރާވެރިންނަށް އުމްރާގެ ފަރުޟު އަދާ ކުރެވޭނެ މަގު ފަސޭހަކުރުމަށާއި، އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައުދީން އަޅާފައިވާ ފިޔަވަޅުތަކާއި ހަމަޖައްސާފައިވާ އިންތިޒާމްތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.