އިނގިރޭސި ލީގުގައި ރޭ ލީޑްސް ޔުނައިޓެޑުން ވަނީ އެވަޓަން މައްޗަށް ކުރިހޯދާފައެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުން ލީޑްސް ކުރި ހޯދީ 1-0 ލަނޑުންނެވެ. މި ދެޓީމު މިގެ 16 އަހަރުކުރިން މި ދަނޑުގައި ކުޅުނު 1-1 ލަނޑުން ވަނީ އެއްވަރުވެފައެވެ. ރޭގައި މެޗުގައި އޮފްސައިޑް ތިން ލަނޑު ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަހާފްގައި އެކަނިވެސް ދެޓީމު އެއްކޮށް ވަނީ 20 ހަމަލާއެއް އުފައްދާފައެވެ. މިއީ އަދި ޕްރިމިއަލީގުގައި ރެކޯޑެކެވެ.
ދެޓީމުގެ ފަރާތުންވެސް އެޓޭކިން ފުޓްބޯޅެއް ފިނެގެންދިޔަ މެޗުގެ ހަމައެކަނި ލަނޑު މެޗުން ނިމެން 11 މިނިޓިއަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރަފީނާއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނެވެ.
މިއީ ލީގުގައި ލީޑްސް ޔުނައިޓެޑުން އެވަޓަންގެ ދަނޑުގައި އެންމެފަހުން ކުޅުނު 13 މެޗަށްފަހު ހޯދި ފުރަތަމަ މޮޅެވެ. މިއީ 2012 ވަނައަހަރުފަހުން އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީގެ ކޯޗުކޮއްދިން ޓީމެއް އަތުން އަމިއްލަ ދަނގއި ބަލިވި ފުރަތަމަ ފަހަރެވެ. އެންމެފަހުން އަމިއްލަ ދަނޑުގައި މެޗެއް ކުޅެ ބަލިވީ އޭނާ ޕީއެސްޖީގެ ކޯޗުކަމުގައި ހުރިއިރުއެވެ. މި ނަތީޖާއެކު ލީޑްސްއިން ވަނީ 10 މެޗުން 14 ޕޮއިންޓް ހަމަކޮށް ލީގުގެ 11 ވަނައަށް ކުރިޔަށް ޖެހިލާފައެވެ.
ރޭ ވެސްޓް ބްރޮމްއިން ވަނީ ލީގުގަ ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސްޓް ބްރޮމް އިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ޝެފީލްޑް ޔުނައިޓެޑަކީ 10 މެޗު ނިމުނުއިރު ލީގުގެ ތާރީހުގައި އެއްޕޮއިންޓުން ފުއްދާލަން ޖެހުނު ތިންވަނަ ޓީމެވެ. އަދި ލީގުގައި މި ސީޒަންގައި ޝެފީލްޑް މޮޅުވެފައެއް ނުވެއެވެ. މި މުހިންމު މޮޅާއެކު ވެސްޓް ބްރޮމުން ވަނީ ލީގުގެ ރެލިގޭޝަން ޒޯނާއި އެއްޕޮއިންޓް ފެޔަށް ޖެހިލާފައެވެ.