އިނގިރޭސި ލީގުގައި މެންޗެސްޓަރ ސިޓީ ބޮޑު މޮޅެކާއެކު ލީގުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ ބާންލީއާ ވާދަކޮށް 5-0 ލަނޑުންނެވެ. މެޗުގައި މެންޗެސްޓަރ ސިޓީގެ ރިޔާދް މަހްރޭޒް ވަނީ ތިންލަނޑު ކާމިޔާބުކޮށްފައެވެ. މަހްރޭޒްގެ އިތުރުން މިމެޗުގައި ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބެންޖަމިން މެންޑިއާއި ފެރަން ޓޮރޭސްއެވެ. މެޗުގައި ފަހުވަގުތުކޮޅު ތެރޭގައި ސިޓީން އިތުރު ލަނޑެއް ޖެހި ނަމަވެސް ޖެސޫސް ގޯލަށް ބޯޅަ ފޮނުވާލިއިރު އޭނާ ހުރީ އޮފްސައިޑްވެފައެވެ.
މެޗުގައި ސިޓީގެ ކެވިން ދި ބްރޭނާ ވަނީ ސިޓީއަށް ދެލަނޑު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފައެވެ. މިހާތަނަށް 2013 ވަނަ އަހަރު އޭނާ ކުލަބާ ގުޅުނު ފަހުން ލީގުގައި ވަނީ ސިޓީއަށް 70 ލަނޑުޖެހުމުގައި އެހީތެރެވިފައެވެ. މަހްރޭޒް ޖެހި ތިން ލަނޑާއެކު އޭނާ ވަނީ ލިގުގައި 100 ލަނޑުޖެހުމުގައި ހިއްސާވި އެފްރިކާގެ ހަވަނަ ކުޅުންތެރިޔާއަށްވެފައެވެ. އެއީ ލީގުގައި ޖެހި 59 ލަނޑާއި 41 އެސިސްޓްޓެވެ.
ރޭ ޓޮރޭސް ކާމިޔާބުކުރި ލަނޑަކީ މި ސީޒަނުގެ ލީގުގައި ސިޓީއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އޭނާ ވަނީ މިސީޒަންގައި ސިޓީ އާއި ސްޕެއިންއޮކޮށް މިހާތަނަށް 10 ލަނޑު ކާމިޔާބުކޮށްފައެވެ.
އެންމެފަހުން ބާންލީއާ ދެކޮޅަށް ކުޅުނު ހަތް މެޗުގައި ސިޓީއިން ވަނީ އެޓީމު ކޮޅަށް 28 ލަނޑުޖަހައިފައެވެ. އެންމެފަހުން ސީޓިގެ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ އެޓީމުން ކާމިޔާބުކޮށްފަވަނީ ހަމަ މިނަތީޖާއިންނެވެ. މި ނަތިޖާއެކު ސިޓީން ވަނީ ކުޅުނު 9 މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ 8 ވަނައަށް ކުރިޔަށްޖެހިލާފައެވެ.