ޔަހސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެއެވެ. ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 6-0 އިންނެވެ.
މެޗުގައި ވިދާލީ ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާއެވެ. މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދައިފައެވެ. މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ރޮޑްރީގޯއެވެ. އެއީ މާކޯ އަސަންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ބެންޒެމާ ވަނީ ހަތް މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައިފައެވެ.
އެއީ 29 ވަނަ މިނެޓާއި 32 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑާއި، 36 ވަނަ މިނެޓުގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ލަނޑުތަކުންނެވެ. ދެ ވަނަ ހާފަށް ނުކުމެ މެޗުގެ 65 ވަނަ މިނެޓުގައި ރޮޑްރީގޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ބަލައިނުގަންނަން ނިންމައިފައެވެ. އޭގެ ފަހުން 73 ވަނަ މިނެޓުގައި އަސަންސިއޯ ވަނީ ލަނޑެއް ޖަހައިފައެވެ. ރެއާލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ލޫކަސް ވަޒްކުއޭސްއެވެ. އޭނާ ލަނޑު ޖެހުމަށް އެހީވެދިނީ އެޑެން ހަޒާޑްއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ހަޒާޑް ރެއާލަށް ކުޅެދިން ފުރަތަމަ މެޗެވެ.
މޮޅާއެކު ވެސް ރެއާލް އޮތީ ލީގު ތާވަލްގެ ދެ ވަނައިގައެވެ. އެއީ ކުޅުނު 27 މެޗުން 59 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އޮތީ 71 ޕޮއިންޓާއެކުއެވެ.