"ވިއަވަތި ރާއްޖެ" މަހާސިންތާ މޭމަހު ހަނިމާދޫގައި

"ވިއަވަތި ރާއްޖެ" މަހާސިންތާ މޭމަހު ހަނިމާދޫގައި

Author
އަޒްފާ ރަޝީދު
01 އޭޕްރިލް 2023 04:23
0

މިއަހަރު ބާއްވާ ތިންވަނަ "ވިއަވަތި ރާއްޖެ" މަހާސިންތާ މޭމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިއަވަތި ކޮންފެރެންސް ބޭއްވުމަަށް ތައްޔާރީތައް ފަށާފައިވާއިރު، މިއަހަރުގެ ކޮންފެރެންސް ބޭއްވުމަށް ހަމަޖެހިގައިވަނީ ހދ.ހަނިމާދޫގައި އަންނަ މޭމަހުގެ 12އިން 14 އަށެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

ވިއަވަތި ރާއްޖޭގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މެދުރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، މިދިޔަ އަހަރުގެ މޭމަހު އއ.އުކުޅަހުގައެވެ. އަދި މީގެ ދެވަނަ ކޮންފަރެސް ޚާއްސަކުރީ ދެކުނުގެ އަތޮޅުތަކަށެވެ. އެ ކޮންފަރެންސް ބާއްވާފައިވަނީ ލ.އަތޮޅުގައެވެ. މީގެ ކޮންމެ ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެން، އިސްކޮށް މަސައްކަތް ކުރައްވައެވެ. އަދި ވަޒީރުންނާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ގޮތްތަކެއް ހޯދުމަށް މަގުފަހިކޮށްދިނުމަކީވެސް ކޮންފަރެންސްގެ މުހިންމު ބޭނުމެކެވެ.

އަދި ސަރުކާރުން ކުރައްވަން ނިންމަވާ މުހިންމު ގިނަ ކަންތައްތަކެއްވެސް ވޭތުވެ ދިޔަ ދެ ކޮންފަރެންސްގައިވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވެއެވެ.ކޮންފަރެންސް ކުރިއަށްގެންދަނީ ރާއްޖެ 3 ޒޯނަށް ބަހާލައިގެންނެވެ. ކޮންފަރެންސްގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބައިވެރިވެއެވެ.

އެގޮތުން ކައުންސިލްތައް ހިންގުމުގެ ޤާނޫނީ ކަންކަމާއި، ކައުންސިލްތަކަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.