އައްޑޫގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެ، ބަލިން ރައްކާތެރިވުމުގެ ގޮތުން އެކުއެޓޯރިއަލް ހޮސްޕިޓަލް އަދި އައްޑޫސިޓީ ކައުންސިލް ގުޅިގެން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގައި ޑެންގޫއަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްއަކާއި، މަދިރި އުފެދުން މަދުކުރުމަށް ފެން ހަރުލާ ތަންތަނަށް ބޭސް އަޅައި އަދި ރަށު ތެރެ ފޮގް ކުރުން ހިމެނެއެވެ. އޭއީއެޗްގެ ޕަބްލިކް ހެލްތު ޔުނިޓުން މިހާރުވަނީ ފޮގް ކުރާ ސާމާނާއި އަދި ފެން ހަރުލާތަންތަނަށް އަޅާ ލާވިސައިޑް އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.
މިމަސައްކަތުގެ ދަށުން ރަށު ތެރެ ފޮގް ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާއިރު، ލާވިސައިޑް އެޅުމުގެ މަސައްކަތް މިއަދު ފެށޭނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ލާވިސައިޑް އަކީ މަދިރި ފަނި ނައްތާލުމަށް ބޭނުން ކުރާ ކެމިކަލްއެކެވެ. މި ކެމިކަލް ފެން ހަރުލާފައި ހުންނަ ކާނުތަކަށާއި އަދި އެހެނިހެން މަދިރިއާލާވާ ފަދަ ފެން ހަރުލާފައި ހުންނަ ތަންތަނަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް އޭއީއެޗްއިން ވަނީ މިހާރު ފަށާފައެވެ. މިޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގައި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވަނީ ފެށިފައެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ބިހޭވިއަރަލް ޗޭންޖްއާއި ބެހޭ ސެޝަން ނެގުމަށް ނިންމާފައިވާކަން ހޮސްޕިޓަލުން ހާމަކުރެއެވެ.
ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމުގައި އައްޑޫގައި ޑެންގޫ ކޭސްތައް އިތުރުވެއެވެ. ނަމަވެސް މިއަހަރުގެ ޑެންގޫ ކޭސްތައް އެހެން އަހަރުތަކާއި އަޅާ ބަލާއިރު އިތުރުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ