ކޮވިޑް-19އާ ހެދި ބާސެލޯނާ މާލީ ގޮތުން ވެއްޓިފައިވާ އަޑިގަނޑުން އަރައިގަންނަން އެހީވުމުގެ ގޮތުން އެ ކްލަބްގެ ކުޅުންތެރިން މުސާރައިގެ ވަކި އިންސައްތަ އެއް ކުޑަކުރަން އެއްބަސްވެއްޖެ އެވެ.
ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވާގޮތުން ބާސެލޯނާގެ ކުޅުންތެރިންނާ އެކު ބޭއްވުނު މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށެވެ. އަދި ކްލަބަށް އެހީވުމުގެ ގޮތުން ތިން އަހަރަށް ބަހާލައިގެން ވަކި ވަރަކަށް މުސާރަ ނުނަގަން ނިންމާފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެއްބަސްވެވިފައި ވާގޮތަށް ކުރިއަށް ދެވިއްޖެނަމަ ބާސެލޯނާގެ މުސާރައިން 145 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ.
ބާސެލޯނާގެ އާ ރައީސަކު ހޮވާ އިންތިހާބު ޖެނުއަރީ 24 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި ވާއިރު ދެން އަންނަ ކޮންމެ ރައީސަކަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރުމެވެ. ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް ބާޓޮމެއު އިސްތިއުފާ ދިނުމުން މިހާރު ވަގުތީ ގޮތުން އެ ކްލަބާ ހަވާލުވެ ހުރި ކާލެސް ޓަސްކުއެޓްސް ވިދާޅުވީ އާމްދަނީ އިތުރު ނުކުރެވިއްޖެނަމަ ކްލަބް، މާލީ ގޮތުން ދަށް ހާލަތަކަށް ވެއްޓުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ބާސެލޯނާ އަށް ލިބޭ އާމްދަނީއާ އަޅާކިޔާއިރު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ ކްލަބަށް ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ސްޕެއިނުގެ ނޫސްތަކުން ފާއިތުވި މަސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ކޯވިޑް-19ގެ ސަބަބުން މިދިޔަ މާޗް މަހުން ފެށިގެން ފުޓްބޯޅަ ކުޅުން މެދުކަނޑާލާފައި އޮތް ތިން މަހެއްހާ ދުވަހަށް ބާސެލޯނާ ކުޅުންތެރިން 70 ޕަސެންޓް މުސާރަ ނުނަގަން ވެސް ވަނީ އެއްބަސްވެފައެވެ.